








ޣާޒީ ބިލްޑިންގް ބިމުގައި ހަދާ ޕާކިން އޭރިއާއި، ޕާކު- ފޮޓޯ: ޕީއެސްއެމް
ޣާޒީ ބިލްޑިންގް ބިމުގައި ހަދާ ޕާކިންގްގެ މަސައްކަތް ނިންމައި، މި ހަފްތާގެ ހުކުރު ދުވަހު ހުޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ އޮފީސްތައް ހިންގުމަށް ބޭނުންކުރި ޣާޒީ ބިލްޑިންގް އިމާރާތް ބާވެގެން 2023 ވަނަ އަހަރުގެ ތެރޭގައި ތަޅާލާފައިވާއިރު، އޭގެފަހުންވެސް އެތަން ބޭނުންކޮށްފައިވަނީ ޕީކިން އޭރިއެއްގޮތުގަ އެވެ.
ނަމަވެސް މި އަހަރުގެ މާޗް މަހުގެ ތެރޭގައި އެތަނުގައި ޕާކިން ޒޯނެކާއި ޕާކެއް ތަރައްގީކުރުމަށް ނިންމައި، ހައުސިންގް މިނިސްޓްރީގެ ޕަބްލިކް ވާކްސްއިން ވަނީ ފަށާފަ އެވެ.
ހައުސިންގް މިނިސްޓްރީން ބުނީ އެތަނުގައި 370 އަށްވުރެ ގިނަ ސައިކަލު ޕާކްކުރެވޭ ޕާކިން ޒޯނެއް ހަދާފައިވާއިރު، އިށީންދެލައިގެން ތިބޭގޮތަށް ކުޑަ ޕާކު އޭރިއާއެއްވެސް ހަދާފައިވާ ކަމަށެވެ. އަދި މިތަނުގައި ހާއްސަކޮށް ފުލުހުންނާއި ސިފައިންގެ އުޅަނދުތައް ޕާކުކުރުމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ މި ސަރަހައްދުގައި މިހާރު އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދާއިރު، ހުކުރު ދުވަހުގެ ނިޔަލަށް މަސައްކަތްތައް ނިންމައި ހުޅުވާލުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ޒޯންގެ މަސައްކަތް ނިމިފައިވާކަން ފާހަގަކޮށްމިނިސްޓްރީން ބުނީ ޕާކު ކުރާ އޭރިއާތައް ކުރެހުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
މިއީ މާލެ ސަރަހައްދުގެ ޕާކިންގް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ތަރައްގީކުރެވުނު ޕާކިންގް އޭރިއަކަށްވާއިރު، މިއީ ގިނަ އޮފީސްތަކެއް ހުރި ސަރަޙައްދަކަށްވުމާއި އަދި ފުރާ މީހުންވެސް ޕާކިންއަށް ބޭނުންވެފައިވާ ސަރަހައްދެކެވެ.
މި ސަރުކާރުން ދަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް 7 ޕާކިން ބިލްޑިންގް ތަރައްގީކުރުމަށް ތައްޔާރުވަމުންނެވެ. އެ އިމާރާތްތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި 2 ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެ އެވެ.







