








ދިލްޖިތު ދޮސާންޖް، ޓިކެޓް ހުސްވި ވެމްބްލީ ޝޯއަށްފަހުއަމާޒު އަހުމަދުއާބާދަށް!
މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖިތު ދޮސާންޖް، އިންޑިއާގެ އަހުމަދުއާބާދުގައި ހުންނަ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި ބޮޑު ކޮންސެޓެއް ބޭއްވުމަށް އިއުލާންކޮށްފިއެވެ.
މި ޚާއްސަ ކޮންސެޓް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ދިލްޖިތު މިކަން އިއުލާންކޮށްފައިވަނީ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ބޭއްވި އޭނާގެ ޝޯގެ ހުރިހާ ޓިކެޓެއް ވިކި ހުސްވެ، އެ ޝޯއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިލްޖިތު ބާއްވަމުން އަންނަ ޝޯތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އޭނާ ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޕަންޖާބީ މިއުޒިކް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަރެންދްރަ މޯދީ ސްޓޭޑިއަމަކީ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް ކަމަށްވާއިރު، މިތަނުގައި ދިލްޖިތުގެ ޝޯއެއް ބޭއްވުމަކީ އޭނާގެ މިއުޒިކީ ކެރިއަރުގައި ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ބެލެވެއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް އެއްފަހަރާ ވަދެވޭނެހެން ފަރުމާކޮށްފައިވާ މި ސްޓޭޑިއަމްގައި ބާއްވާ ޝޯ ވެގެންދާނީ އިންޑިއާގައި މިއަހަރު ބާއްވާ އެންމެ ބޮޑު އެއް މިއުޒިކް އިވެންޓަށެވެ.




