
.jpg?w=3840&q=75)







ޝާހްރުކް ޚާންގެ 'ކިންގް'ގެ ޓްރެއިލާ، ލަވަ އަދި ރިލީޒްކުރާ ތާރީޚުގެ ތަފްސީލުތަކެއް އެކްސް މެދުވެރިކޮށް އޭނާ ވަނީ ފޭނުންނަށް ދީފައި
ޝާހްރުކް ޚާން އެކްސްގައި ބޭއްވި 'އާސްކް އެސްއާރުކޭ ސެޝަނެއްގައި، އޭނާގެ ކުރިއަށް އޮތް އެންމެ ބޮޑު ފިލްމު 'ކިންގް' އާ ގުޅޭގޮތުން ސަޕޯޓަރުންނަށް މުހިންމު މައުލޫމާތުތަކެއް ދީފިއެވެ.
މި ސެޝަންގައި ޝާހްރުކް ވަނީ ފިލްމު ފަސްކުރަން އުޅޭކަމަށް ދެކެވެމުންދިޔަ ވާހަކަތައް ދޮގުކޮށް، މި އަހަރުގެ ޑިސެމްބަރު 24 ގައި ފިލްމު ސިނަމާތަކަށް އަންނާނެކަން ޔަގީންކޮށްދީފައެވެ.
ފިލްމުގެ ލަވައަކާ ބެހޭގޮތުން ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޝާހްރުކް ބުނީ، މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް އެ ލަވައިގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. "އަރިޖީތު އަކީ ވަރަށް ފުރިހަމައަށް މަސައްކަތްކުރާ މީހެއް. އެހެންވެ އެކަމަށް ކުޑަ ވަގުތުކޮޅެއް ނަގާނެ،" ޝާހްރުކް ބުންޏެވެ.
މީގެ އިތުރުން ޑައިރެކްޓަރު ސިދާތް އާނަންދުއާއެކު ކުރި އުނދަގޫ ޝޫޓިންގް ތެރޭގައި ލިބުނު އަނިޔާތަކުގެ ވާހަކަވެސް ޝާހްރުކް ހިއްސާކުރިއެވެ. "ޝޫޓިންގް ތެރޭގައި ބައެއް އަނިޔާތައް ލިބުނު. އެހެންވެ މަސައްކަތް ހުއްޓާލާފައި އަލުން ފަށަން އެތައް ފަހަރަކު ޖެހުނު. އެކަމަކު މިހާރު ހުރިހާ ކަމެއްވެސް ރަނގަޅު،" އޭނާ ބުންޏެވެ.
ފިލްމުގެ ޓްރެއިލާއާ ގުޅޭގޮތުން ވާހަކަދައްކަމުން ޝާހްރުކް ވަނީ ސަޕޯޓަރުންގެ ކިބައިން ކުޑަކޮށް ކެތްތެރިވުމަށް އެދިފައެވެ. އޭނާ ބުނީ ޑައިރެކްޓަރު ސިދާތް އާނަންދު ޓްރެއިލާ އެންމެ ފުރިހަމަ ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ ކަމަށެވެ.
'ކިންގް' ގައި ޝާހްރުކްގެ އިތުރުން އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާން، އަބީޝެކް ބައްޗަން، ދީޕިކާ ޕަދްކޯން، އަނިލް ކަޕޫރު، ޖެކީ ޝްރޮފް އަދި ރާނީ މުކަރްޖީ ފަދަ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.





.jpg?w=3840&q=75)


