
"ޓީޖީއެސްޓީ ޑެސްޓިނޭޝަން ޕްރިންސިޕަލް އިމްޕެކްޓް ސާރވޭ" އެއް ފަށައިފިއެވެ.
މިއީ އޮކްޓޫބަރު 2026 އިން ފެށިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ބޭރުގައުމުތަކުގައި ވިއްކާ ފަރާތްތަކަށް އަމަލުކުރަންޖެހޭ ޓެކްސްގެ އައު އުސޫލުތަކުގެ ސަބަބުން ވިޔަފާރިއަށާއި ހިންގުމަށް ކުރާނެ އަސަރުތައް ވަޒަންކުރުމަށްޓަކައި ފެށި ސާރވޭއެކެވެ.
މި ބަދަލުތަކަކީ މީރާއިން އާންމުކޮށްފައިވާ އިރުޝާދުތަކުގައިވާ ގޮތަށް، ރާއްޖެއަށް އަންނަ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި، އެއާ ގުޅުންހުރި ބުކިންގް ނުވަތަ އޭޖެންސީ ހިދުމަތްތަކާ ގުޅޭ ބަދަލުތަކެކެވެ.
މި ސާރވޭގައި ބައިވެރިވުމުގެ ފުރުސަތު މަޓާޓޯ އިން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޓްރެވަލް އޭޖެންޓުން، ޓުއަރ އޮޕަރޭޓަރުން، ރިސޯޓު، ހޮޓާ، ގެސްޓްހައުސް، އޮންލައިން ޓްރެވަލް އޭޖެންސީ (އޯޓީއޭ)، ބެޑް ބޭންކު، އެއާލައިން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ވިޔަފާރިތަކަށް ހުޅުވާލާފައެވެ.
މި ކުރު ސާރވޭގެ މަގުސަދަކީ އަގުތަކަށާއި، އެއްބަސްވުންތަކަށާއި، ބުކިންގްތަކަށާއި، ފައިދާގެ މިންވަރަށް، ގަވާއިދުތަކަށް ބޯލެބުމަށް ހިނގާ ހަރަދުތަކަށާއި، މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ވާދަވެރިކަމަށް ކުރާނެ އަސަރުތައް ދެނެގަތުމެވެ. އަދި މީގެ އިތުރުން، ގެއްލިގެން ހިނގައިދާނެކަމަށް އަންދާޒާކުރެވޭ އަހަރީ އާމްދަނީގެ މިންވަރާއި، މި ބަދަލުތަކަށް ތައްޔާރުވުމަށް ވިޔަފާރިތަކަށް ކާފީ ވަގުތު ލިބިފައިވޭތޯ ބެލުންވެސް ހިމެނެއެވެ.
މިއީ މަޓާޓޯ އިން ކުރިންވެސް ކުރިއަށްގޮތް ދާއިރާގެ ސާރވޭތަކާއި ހިއްސާދާރުންގެ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް، ހެކީގެ މައްޗަށް ބިނާކޮށް ވަކާލާތުކުރުމަށް އެ އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ސާރވޭއިން ލިބޭ ޖަވާބުތަކުގެ އެހީގައި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށްޓަކައި އެޅިދާނެ އަމަލީ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރަށާއި ދާއިރާގެ ހިއްސާދާރުންނަށް ހުށަހެޅުންތައް ހުށަހެޅޭނެއެވެ.
ފަތުރުވެރިކަމުގެ ސަޕްލައި ޗެއިންގެ ހުރިހާ ފަންތިއަކަށް މީގެއިން ކުރާނެ އަސަރުތައް ދެނެގަތުމާއި، ދިވެހި ވިޔަފާރިތަކާއި ބޭރުގެ ބައިވެރިންގެ ކަންބޮޑުވުންތަކަށް މަންޒިލްގެ މުސްތަގުބަލާ ގުޅޭ މަޝްވަރާތަކުގައި ފުރުސަތު ދިނުމުގެ މުހިންމުކަން މަޓާޓޯ އިން ފާހަގަކުރެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން އެންމެ އަވަސް ފުރުސަތެއްގައި މި ސާރވޭ ފުރިހަމަކުރުމަށް އިލްތިމާސްކުރެއެވެ. ގުޅޭނެ ތަފްސީލު ފޯރުކޮށްދިނުމަކީ މަޖުބޫރުކަމެއް ނޫނެވެ.












