








ޝާހްރުކް ޚާން
'އާސްކް އެސްއާރުކޭ' ގެ ނަމުގައި އެކްސްގައި ބޭއްވި ސެޝަނެއްގައި، ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބުދެމުން، ފިލްމު 'ދުރަންދަރ' އާ ބެހޭގޮތުން ޝާހްރުކް ޚާން ވާހަކަދައްކައިފިއެވެ.
އެގޮތުން އޭނާ އެ ފިލްމު ބެލިކަމަށާއި، އަދި ފިލްމުގެ ދެބައިވެސް ވަރަށް ކަމުދިޔަކަމަށް ބުންޏެވެ. އަދި މުޅި ޓީމުގެ މަސައްކަތަށް އޭނާ ވަނީ ތައުރީފުކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޝާހްރުކް ޚާން 'ދުރަންދަރ: ދަ ރިވެންޖް' ބަލާފައިވަނީ ފިލްމު ރަސްމީކޮށް ރިލީޒްކުރުމުގެ އެއް ދުވަސް ކުރިންނެވެ. ޝާހްރުކް ޚާން މި ފިލްމު ބެލުމަށް އެދުމުން، ފިލްމުގެ ޑައިރެކްޓަރު އަދިތްޔާ ދާރް ވަނީ ވަރަށް އުފަލާއެކު އެކަން ހަމަޖައްސައިދީފައެވެ.
މި ސްކްރީނިންގ ބާއްވާފައިވަނީ ސަލްމާން ޚާންގެ އަމިއްލަ ޕްރިވިއު ތިއޭޓަރެއްގައެވެ. ޝާހްރުކް ޚާން ފިލްމު ބަލަން ދިޔައީ އޭނާގެ މުޅި އާއިލާއާއި އަދި ގާތް އެކުވެރިޔާ ކަރަން ޖޯހަރްއާއެކުގައެވެ. ނަމަވެސް، މި ސްކްރީނިންގގައި ސަލްމާން ޚާން ބައިވެރިވިކަމެއް އެނގިފައެއް ނުވެއެވެ.
ފިލްމު ބެލުމަށްފަހު ޝާހްރުކް ޚާން ވަނީ ޑައިރެކްޓަރު އަދިތްޔާ ދާރްއާ ގުޅައި، ފިލްމު ކަމުދިޔަ މިންވަރު ހިއްސާކޮށްފައެވެ. އަދި އިންޑިއާގެ އެންމެ ބޮޑު އެއް ތަރީގެ ފަރާތުން މިފަދަ ތައުރީފެއް ލިބުމުން އަދިތްޔާ ދާރް ހުރީ ވަރަށް އުފަލުންނެވެ.
'ދުރަންދަރ' އަދި 'ދުރަންދަރ: ދަ ރިވެންޖް' އަކީ ރަންވީރު ސިންގް، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އަރްޖުން ރާމްޕާލް އަދި އާރް މާދަވަން ފަދަ ތަރިން ހިމެނޭ ފިލްމެކެވެ.
މިއީ ޕާކިސްތާނުގެ ކަރާޗީގެ ނުރައްކާތެރި ގޭންގަކަށް ވަންނަ އިންޑިއާގެ ޖާސޫސެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.