








ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިނުން ދ. ކުޑަހުވަދޫ އަށް ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ ގޮތުން މާލެއާއި ދ. ކުޑަހުވަދޫއާ ދެމެދު ޝެޑިއުލްތައް މިއަދު ފެށިއިރު، މިއީ އެ އެއަރލައިނުން އެތެރޭގެ މަންޒިލްތަކުގެ 18 ވަނަ މަންޒިލެވެ.
މޯލްޑިވިއަން އިން ވަނީ މި ދަތުރުތައް ފެށުމާއެކު ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށް، ކޮންމެ ދުވަހަކުވެސް ޝެޑިއުލް 4 ދަތުރުކުރާނެކަމަށް ބުނެފައެވެ. އަދި ދަތުރުތައް ފެށުމުގެ މުނާސަބަތުގައި ޕްރޮމޯޝަނަލް އަގެއްގެ ގޮތުގައި 1,111 ރުފިޔާއަށް ޓިކެޓު ވިއްކަމުން އަންނަކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މި ދަތުރުތަކުގެ ޓިކެޓު ސެޕްޓެންބަރު 13 އިން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓާއި، މޮބައިލް އެޕްލިކޭޝަނާއި، ޓިކެޓިންގ އޮފީސްތަކާއި ސޭލްސް އޭޖެންޓުން މެދުވެރިކޮށް ދަނީ ވުއްކަމުންނެވެ.
މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓު ހިމެނެއެވެ. އެ އެއަރލައިނުންދަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާ ފަދަ ޤައުމުތަކަށް އިންޓަރނޭޝަނަލް ދަތުރުތައްވެސް ކުރަމުންނެވެ.
މި ދަތުރުތަކުގެ ސަބަބުން ދ. އަތޮޅުގެ ރައްޔިތުންނަށް ޞިއްޙީ، ތަޢުލީމީ، ވިޔަފާރި އަދި ވަޒީފާގެ ބޭނުންތަކަށް މާލެއަށް ދަތުރުކުރުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަންއިން ދެކެއެވެ. އަދި ދ. އަތޮޅުގައި ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއަށާއި ލޯކަލް ވިޔަފާރިތަކަށްވެސް މިކަމުގެ ސަބަބުން ބޮޑު މަންފާއެއް ކުރާނެއެވެ.




