








'ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ' ގެ ހޯސްޓް ކަޕިލް ޝަރްމާ އަދި މައިގަނޑު ކާސްޓުން
އިންޑިއާގެ އެންމެ މަގުބޫލު ކޮމެޑީ ޝޯ 'ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ' ގެ 5 ވަނަ ސީޒަން ފެށުމަށް ތައްޔާރުވެފައިވާކަން ޝޯގެ ހޯސްޓް ކަޕިލް ޝަރްމާ އިއުލާންކޮށްފިއެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ މި ޝޯގެ އައު ސީޒަން ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.
ކަޕިލް ޝަރްމާ މިކަން އިއުލާންކޮށްފައިވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކުރި ޕްރޮމޯ ވީޑިއޯއެއް މެދުވެރިކޮށެވެ. މި ވީޑިއޯގައި ޝޯގެ މައިގަނޑު ކާސްޓުން ކަމަށްވާ ސުނިލް ގްރޯވަރު، ކުރުޝްނާ އަބީޝެކް، ކިކޫ ޝާރްދާ، ރާޖީވް ޓާކޫރް އަދި އަރްޗަނާ ޕުރާން ސިންގް ފެނިގެންދެއެވެ.
މި އައު ސީޒަނާ ގުޅޭގޮތުން ވާހަކަދައްކަމުން ކަޕިލް ބުނީ، މިއީ އިންޑިއާގެ ސަގާފަތާއި އުފާވެރިކަން މުޅި ދުނިޔެއަށް ދައްކުވައިދޭނެ ސީޒަނެއް ކަމަށެވެ. ފާއިތުވި ސީޒަންތަކެކޭ އެއްފަދައިން، މި ސީޒަނުގައިވެސް ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި، ކުޅިވަރު ކުޅުންތެރިން އަދި އެހެނިހެން ދާއިރާތަކުގެ ފާހަގަކޮށްލެވޭ ފަރާތްތައް މެހެމާނުންގެ ގޮތުގައި ބައިވެރިވާނެކަމަށް ބެލެވެއެވެ.
'ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ' އަކީ ނެޓްފްލިކްސްއިން ގެނެސްދޭން ފެށިފަހުން ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ.




