



%20(3).jpeg?w=3840&q=75)



-
ފާއިތުވި ހަތަރު ދުވަހު ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން ގއ. އަދި ގދ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވުމަށްފަހު، މިހާރު މޫސުން ރަނގަޅުވަމުން އަންނަކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި، ވިއްސާރައާ ގުޅިގެން މެދުކެނޑުނު ޢާންމު ޚިދުމަތްތައް އަލުން ފެށި، އެ ރަށްރަށުގެ ދިރިއުޅުން މިހާރު ދަނީ ޢާންމު ޙާލަތަކަށް ބަދަލުވަމުންނެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައް މިހާރު ޙައްލުކުރެވިފައިވާއިރު، ފެންވަދެ ދިރިނޫޅެވޭވަރުވެގެން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރި ޢާއިލާތައް އަނބުރާ ގެދޮރަށް ބަދަލުކުރުމުގެ އިންތިޒާމުތައްވެސް ދަނީ ހަމަޖައްސަމުންނެވެ.
މީގެއިތުރުން، ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެތައް ސާފުކުރުމާއި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތައް ގުޅިގެން ފަށާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެގޮތުން ލިބުނު ގެއްލުންތައް ވަޒަންކުރުމަށްފަހު، ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން ވިލަރެސްކޮށް ފޯރުކޮށްދެމުންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
ހަމައެއާއެކު، ފެންބޮޑުވި ސަރަޙައްދުތަކާއި ގެދޮރު ސާފުކުރުމުގައި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންޖެހޭ ޞިއްޙީ އިރުޝާދުތައް، ޞިއްޙީ މަރުކަޒުތައް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ ޢާންމުންނަށް ފޯރުކޮށްދެމުންނެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ ބުރާސްފަތި ދުވަހުން ފެށިގެން އެއްކޮށް އަލިވާނެއެވެ. ޕެސިފިކް ކަނޑުގައި އުފެދިފައިވާ 'އެލްނީނޯ' ގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ބޮޑުވާނެކަމަށް ލަފާކޮށް ކުރިން ނެރުނު މޫސުމީ އިންޒާރުތަކާއެކު، ކައުންސިލްތަކާއި މުއައްސަސާތަކުން ދުރާލައި ފިޔަވަޅު އަޅާފައިވާތީ ގެއްލުންތައް ކުޑަކުރެވުނުކަންވެސް އެންޑީއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.







