


%20(3).jpeg?w=3840&q=75)



%20(3).jpeg?w=1920&q=75)
-
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ތެޔޮ ނުވަތަ އަގުހުރި މަޢުދަންތައް ހުރިތޯ ބެލުމުގެ ދިރާސާތައް ކުރުމަށް މެލޭޝިޔާގެ ޤައުމީ ތެޔޮ ކުންފުނި "ޕެޓްރޯނަސް" އަށް ދަޢުވަތު ދިނުމާ ގުޅޭގޮތުން، އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު މިހެން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ރައީސް އޮފީހުގައި ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، ރާއްޖޭގައި ތެޔޮ ނުވަތަ އެހެނިހެން މަޢުދަންތައް ހުރިތޯ ބެލުމުގެ ދިރާސާތައް ކުރުމުގެ ފުރުޞަތުތައް ބެލުމަށް ރައީސް ޑރ. މުޢިއްޒު ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުއްވުމާ އެއްގޮތަށް، މިކަމާ ގުޅޭގޮތުން ޕެޓްރޯނަސްއާ ވާހަކަދައްކަވާ މަޝްވަރާކުރައްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ޕެޓްރޯނަސްގެ ޤާބިލުކަމާއި ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޕެޓްރޯނަސްއަކީ މިއަދު ކެނެޑާއާއި، ތުރުކުމެނިސްތާނާއި، ސޫދާނާއި، ސުރިނާމްގެ އިތުރުން ޕެރޫ އަދި ބްރެޒިލް ފަދަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކާމިޔާބުކަމާއެކު ތެޔޮ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ކުންފުންޏެކެވެ. އެހެންކަމުން، މެލޭޝިޔާއާ އަވަށްޓެރި، އެކުވެރި ރާއްޖެއާ ހަމައަށް އެ ކުންފުނިން އައުމަކީ މާ ބޮޑު އުނދަގުލަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖާޒީ ގޮތެއްގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ބޮޑުވަޒީރު ވިދާޅުވީ، ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނުނިކުތް ނަމަވެސް، މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހިތްގައިމު މާޙައުލުގައި މަދު ދުވަސްކޮޅަކު އަރާމުކޮށްލުމުގެ ފުރުޞަތުވެސް ޕެޓްރޯނަސްގެ ޓީމުތަކަށް ލިބިގެންދާނެ ކަމަށެވެ.



%20(3).jpeg?w=3840&q=75)


