






އައްޑޫ ފޭދޫ އަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން- ފޮޓޯ: މީސްމީޑިއާ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ފޭދޫ 30 ގެއަކަށް ފެން ވަދެ އެކިވަރުގެ ގެއްލުންތައްވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބެމުންދާކަމަށް ރިޕޯޓްކުރަމުންދާތީ، އެކަމުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.
އެގޮތުން އެންމެ ބޮޑު ގެއްލުން ވެފައިވަނީ އައްޑޫ ސިޓީ ފޭދޫއަށް ކަމަށް އެންޑީއެމްއިން ފާހަގަކުރިއިރު، ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަށް ފެންވަދެފައިވާ ކަމަށެވެ. އަދި އެތަނުން އެއް ގޭގައި މީހުން ދިރިނޫޅެވޭ ހާލަތައް ގޮސްފައިވުމުން އެގޭގައި ދިރިއުޅެމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން، ޖުމްލަ 8 މީހުން އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ފޭދޫގެ މަގުތައް ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން ގައުމީ ދިފާއީ ބާރުގެ ސަދަން އޭރިއާ އަދި އައްޑޫ ސިޓީ ކައުންސިލް އަދި ކަމާގުޅޭ އެކި މުއައްސަސާތަކުން ފެން ހިނދުމާއި ވެލި ބަސްތާ ޖެހުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ބަލަމުންދާއިރު، މިހާތަނަށް 100 އަށް ވުރެ ގިނަ ގެއަށް ފެނުގެ އަސަރުކޮށްގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ބައެއް ގެތަކުން ކަރަންޓުވެސް ކެނޑުނު ކަމަށް ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ.އައްޑޫސިޓީއަށް ކުރި ވިއްސާރާއިގައި ފޭދޫ އަވަށަށް ގެއްލުން ވެފައިވެ އެވެ. އަދި މިއަދު މެނދުރު ފަހު 11:45 އިން 13:00 އާއި ހަމައަށް ފުވައްމުލައް އަދި އައްޑޫސިޓީ ހިމެނޭ ސަރަަހައްދަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އޮރެންޖް އިންޒާރު ނެރެފަ އެވެ. އަދި މިވަގުތުވެސް މި އަތޮޅުތައް ހިމެނޭ ސަރަހައްދަށް މިއަދު 18:00 އާއި ހަމައަށް ރީނދޫ ސަމާލު ވަނީ ނެރެފަ އެވެ.


