

%20(3).jpeg?w=3840&q=75)





-
ދިވެހިރާއްޖޭގެ މުހިންމު ސްޓްރެޓީޖިކް ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިޔާ ސަރުކާރަށާއި އެ ޤައުމުގެ ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ދަޢުވަތު އަރުވައިފިއެވެ.
ރައީސް މި ދަޢުވަތު އެރުއްވީ ރާއްޖެއަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކަށްފަހު ދެއްވި ގުޅިފައިވާ ސްޓޭޓްމަންޓުގައެވެ.
މި ބަޔާނުގައި ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މުހިންމު އަދި ޢަމަލީ މަގުތަކެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކޮށް، ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމުގެ ގޮތުން "ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް ޤާއިމުކުރުމުގެ މަޝްވަރާތައް ރަސްމީކޮށް ފެށުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވިކަން ރައީސް އިޢުލާނުކުރެއްވިއެވެ.
ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ސްޓްރެޓީޖިކް ދާއިރާތަކަށް މެލޭޝިޔާގެ އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ދިވެހި ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ. މީގެ ތެރޭގައި:
މީގެއިތުރުން، ދެ ޤައުމުގެ ރައްޔިތުން ގުޅުވައިދޭ މައިގަނޑު އެއް ކަމަކީ ފަތުރުވެރިކަމުގެ ދާއިރާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިން ދަތުރުކުރާ މިންވަރު އިތުރުކުރުމަށާއި، ދެމެހެއްޓެނިވި އީކޯ-ޓޫރިޒަމް ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރަން އެއްބަސްވެވުނު ކަމަށެވެ. އަދި ހަލާލް އިންޑަސްޓްރީއާއި، މުސްލިމުންނާ ރައްޓެހި ފަތުރުވެރިކަން (މުސްލިމް-ފްރެންޑްލީ ޓްރެވަލް) ކުރިއެރުވުމުގެ އިތުރުން ޘަޤާފީ ގުޅުންތައް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްވެސް ދެ ޤައުމުން ވަނީ ނިންމާފައެވެ.
ރައީސް ވިދާޅުވީ، މި ފަހި ފުރުޞަތުތަކުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރިތަކަށާއި އިޤްތިޞާދަށް އޭގެ އެދެވޭ ބޮޑު ފައިދާއެއް ލިބި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިޤްތިޞާދީ ގޮތުންވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.


%20(3).jpeg?w=3840&q=75)



%20(3).jpeg?w=3840&q=75)