

%20(3).jpeg?w=3840&q=75)





މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ ފެސިލިޓީ ހަމަޖައްސައިދިނުމަށް މެލޭޝިޔާގެ މަރުކަޒީ ބޭންކް، ބޭންކް ނެގާރާ މެލޭޝިޔާ އިން އެއްބަސްވެއްޖެ އެވެ.
މިކަން ރަސްމީކޮށް އިޢުލާނުކުރެއްވީ ރާއްޖެއަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށްފަހު ދެއްވި ގުޅިފައިވާ ޕްރެސް ސްޓޭޓްމަންޓުގައެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، އެމްއެމްއޭއަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ހަމަޖައްސައިދިނުމާ ގުޅޭގޮތުން ރައީސް ޑރ. މުޢިއްޒު އެމަނިކުފާނަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ މި އެދުމަށް އިޖާބަދީ، އެ ފެސިލިޓީ ހަމަޖައްސައިދިނުމަށް މެލޭޝިޔާގެ ސެންޓްރަލް ބޭންކުން އުޞޫލެއްގެ ގޮތުން މިހާރު އެއްބަސްވެފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ޢަމަލީ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، މިކަމަށް ބޭނުންވާ މެކޭނިޒަމާއި އިދާރީ މަރުޙަލާތައް ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ދެ ޤައުމުގެ ސެންޓްރަލް ބޭންކުން ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދެވެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އިތުބާރާއި ޒަމާންވީ އެކުވެރިކަމުގެ ސަބަބުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ ޤައުމުގެ ސިޔާސީ އަދި ޑިޕްލޮމެޓިކް ގުޅުމަށް 58 އަހަރު ފުރިފައިވާއިރު، މި ފެސިލިޓީ ވެގެންދާނީ ރާއްޖޭގެ މާލީ ހަމަޖެހުމަށާއި، ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް ލިބިގެންދާނެ ވަރަށް މުހިންމު އެހީތެރިކަމަކަށެވެ.


%20(3).jpeg?w=3840&q=75)



%20(3).jpeg?w=3840&q=75)