
ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ އައްޑޫ ސިޓީ ފޭދޫގެ ނުވަ ގެއަކަށް ގެއްލުން، އެއް ގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސް ގައި ކުރި ޕޯސްޓެެްއގައި ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ ނުވަ ގެއަކަށް ފެންވަދެ، އެއް ގޭގައި ދިރިނޫޅޭ ވަރަށް ފެންވަދެފައިވާ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އެގޮތުން މިހާތަނަށް ފޭދޫގައި ފެންބޮޑުވެ، ނުވަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ އޮތޯރިޓީ އިން ބުނެއެވެ. އަދި މި ހާދިސާއާ ގުޅިގެން، ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ ތިން ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދެވިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން އެއް ގެއަކަށް ދިރިނޫޅެވޭވަރަށް ފެންބޮޑުވުމާއި ގުޅިގެން އެގޭގައި ދިރިއުޅޭ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ހިދުމަތް ތިން ދުވަހުގެ މުއްދަތަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެއެވެ. މި ވިްއސާރައިގާ މީގެކުރިންވެސް ވަނީ އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
މީގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން، ޖުމްލަ 8 މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމާ ގުޅިގެން، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްފައި ވެއެވެ.
އެންޑީއެމްއޭއިން ބުނީ އައްޑޫގެ އިތުރުން ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދިި މިކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ފެނަކަ ކޯޕަރޭޝަނާއި ކައުންސިލް އަދި މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ ކަމަށް ހާމަކޮށްފައި ވެއެވެ.
ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޒަރޫރީ ބޭނުމެއްގައި ނޫނީ އައްޑޫ ލިންކް ރޯޑު ބޭނުން ނުކުރަން އައްޑޫ ސިޓީ ކައުންސިލުން މިހާރުވަނީ އަންގާފައެވެ.












.jpg?w=3840&q=75)