

.jpeg?w=3840&q=75)


.jpeg?w=3840&q=75)
.jpg?w=3840&q=75)

-
މެލޭޝިޔާގައި ތަޢުލީމު ހާސިލުކުރަމުންދާ 2,000 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނާއި އެ ކުދިންނާއެކު އެ ޤައުމުގައި ދިރިއުޅޭ ބެލެނިވެރިންނަށް ދިމާވާ އިދާރީ އަދި ވިސާގެ ދަތިތައް އަންނަ ހަފުތާގެ ކެބިނެޓު ބައްދަލުވުމަށް ހުށަހަޅައިގެން ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، މެލޭޝިޔާގައި 2,000 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުން ދިއުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ އިތުރުން، މެލޭޝިޔާގެ ތަޢުލީމީ ނިޒާމަށް ދިވެހިން ކުރާ އިތުބާރު ހާމަވާ ކަމެއް ކަމަށެވެ.
އެހެންކަމުން، ކުދިންނާއެކު ތިބޭ ބެލެނިވެރިންނަށް ދިމާވާ ބިއުރޮކްރެޓިކް ނުވަތަ އިދާރީ އުނދަގޫތަކަށް ލުޔެއް ހޯދައިދިނުމަކީ މެލޭޝިޔާ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ކެބިނެޓުގެ ވަޒީރުންނާ މަޝްވަރާކުރައްވާފައިވާ ކަމަށާއި، ކުރިއަށް އޮތް ކެބިނެޓު ބައްދަލުވުމަށް މި މައްސަލަ ހުށަހަޅުއްވައިގެން ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
އަދި ދިވެހިން މެލޭޝިޔާގައި ދިރިއުޅުމާއި، ކިޔެވުމާއި ނުވަތަ ވަޒީފާ އަދާކުރުމުގައި މެލޭޝިޔާ ސަރުކާރުގެ އެއްވެސް ސިޔާސީ އިޢުތިރާޟެއް ނެތް ކަމަށާއި، މިކަމުގައި ގެންގުޅޭނީ ވަރަށް ފަހި ވިސްނުމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ދަރިވަރުންގެ އިތުރުން، ބޭސްފަރުވާއަށް މެލޭޝިޔާއަށް ދާ ދިވެހިންނަށް އެހީތެރިވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، އެ ޤައުމުގެ "މަދަނީ އިޤްތިޞާދީ އޮނިގަނޑު" ބިނާވެފައިވަނީ އޯގާތެރިކަމާއި، އަޅާލުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވުމުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ކަމަށެވެ.
"އޯގާތެރިކަމާއި އަޅާލުމެއް ނެތި ހޯދޭ ތަރައްޤީއަކީ އަދި ކުރިއެރުމަކީ ކޮބައިތޯ؟" ސުވާލު އުފައްދަވަމުން ބޮޑުވަޒީރު ވިދާޅުވީ މިއީ ޤައުމީ ފަލްސަފާއަކަށް ވާއިރު، މިކަމަށް ވަގުތުން ހައްލު ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި މެލޭޝިޔާއަށް ބޭސްފަރުވާއަށް އަންނަ ދިވެހިންގެ ތެރެއިން އެހީތެރިކަމަށް ބޭނުންވާ މަދު ކޭސްތަކަށްވެސް ވަގުތުން އިޖާބަދީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ދެއްވާފައެވެ.


.jpeg?w=3840&q=75)



