








ފޭދޫގެ ގެއަކަށް ފެން ވަދެފަ - ފޮޓޯ: އެންޑީއެމްއޭ
ރާއްޖޭގެ ދެކުނަށް މޫސުން ގޯސް، ބައެއް ގެތަކަށް އެކިވަރުގެ ގެއްލުންވަމުންދާތީ، އެކަން ވަރަށް ގާތުން މޮނިޓަރ ކުރަމުން އަންނަކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
'އެކްސް' ގައި ކުރި ޕޯސްޓެއްގައި އެންޑީއެމްއޭ އިން ބުނީ ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް މިއަދު ހެނދުނުން ފެށިގެން ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށެވެ.
އެންޑީއެމްއޭ އިން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ކައުންސިލްތަކާއި ސިފައިން އަދި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން އަންނަކަމަށެވެ. އަދި އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް މިހާތަނަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ އިދާރާ އިން އިތުރަށް ބުނީ ޚާއްޞަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން، ޖުމްލަ 8 މީހުން ދިރިއުޅެމުންދިޔަ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް އައިސްފައިވާ ކަަމަށެވެ. އަދި ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ އެކި ސަރަހައްދުތަކަށް އެކި އެލަރޓް އަންނަނީ ނެރެމުންނެވެ.



.jpg?w=3840&q=75)




