








-
ޖެހިގެން އައި ދުވަހު އަނެއްކާވެސް ޒަޔާންއަށް ލިބުނީ އެޒޫރް ބްލޫ ރިސޯޓަށް ދާންޖެހޭ ފްލައިޓެކެވެ. މިއީ ހަމައެކަނި ގެސްޓުން ބާާލާފައި އެނބުރި މާލެ ދާންޖެހޭ އެއް ދުވަހުގެ އާދައިގެ ދަތުރެކެވެ. ސީޕްލޭން ރިސޯޓުގެ ފަޅަށް ތިރިކޮށް، ގެސްޓުން ބޭލުމަށްފަހު، އެނބުރި ފުރަންދެން ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ޒަޔާންއަށް އަނެއްކާވެސް ޔާނާ ދިމާވިއެވެ.
"އަނެއްކާވެސް އައީތަ؟" ޔާނާ ކެމެރާ ހިފައިގެން އައިސް ހިނިތުންވެލަމުން އެހިއެވެ. "މިފަހަރު ވިއްސާރަވެގެންނެއް ނޫން ދޯ؟"
"ނޫން، މިއީ ހަމަ އާދައިގެ ދަތުރެއް. އިރުކޮޅަކުން މާލެ ދާންޖެހޭނެ،" ޒަޔާން ބުންޏެވެ.
ދެމީހުން އެކުގައި ޖެޓީ މަތީގައި ތިބެ ވާހަކަދައްކާލަން ލިބުނު މަދު މިނެޓުކޮޅުގެ ތެރޭގައިވެސް، ޒަޔާންގެ ހިތަށް އާދަޔާޚިލާފު ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެ ހަމަޖެހުން މާގިނައިރަކަށް ނުދެމުނެވެ. މެންދުރުފަހު މާލެއިން އައި ސީޕްލޭން ޖެޓީއަށް ކައިރިކޮށްލުމާއެކު، އޭގެއިން ފޭބި މީހާ ފެނިފައި ޒަޔާންގެ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ.
އެއީ އާލިޔާއެވެ!
އާލިޔާގެ އަތުގައި ކުޑަ ކެބިން ލަގޭޖެއް އޮތެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ޒަޔާން ހުރީ ބުނާނެ އެއްޗެއް ނޭނގި، މުޅިން ގަނޑުވެފައެވެ.
"ޒަޔާން!" އާލިޔާ އުފަލުން އައިސް ޒަޔާންގެ ގައިގައި ބައްދާލިއެވެ. "ސަޕްރައިޒް! ކިހިނެއްވީ؟ އުފަލެއް ނުވޭތަ؟"
"އާ... އާލިޔާ؟" ޒަޔާންއަށް އަޅައިގަންނަމުން ބުނެވުނެވެ. "ތިއައީ ކިހިނެއް؟ އަހަރެން މި އުޅެނީ އިރުކޮޅަކުން މާލެ ދާން..."
"ނޫން، ޒަޔާން މިއަދަކު މާލެއެއް ނުދާނެ!" އާލިޔާ ހީލަމުން ބުންޏެވެ. "މާދަމާއަކީ ޒަޔާންގެ އުފަންދުވަހެއްނޫންތަ؟ އަހަރެން މިއައީ އާއިދު އާއި ވާހަކަދައްކައިގެން މާދަމާއަށް ޒަޔާންއަށް އޮފް ހަމަޖައްސާފައި. ޒަޔާންގެ ސުޕަވައިޒަރަކީ އަހަރެންގެވެސް ރައްޓެއްސަކަށް ވީމަ އެކަން ދެން ކިހާ ފަސޭހައިން ވާނެ. މިއީ އަހަރެން މިފަހަރު ޒަޔާންއަށް ދޭ ބާރތްޑޭ ސަޕްރައިޒް!"
ޒަޔާންއަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އާލިޔާ އެހާ ބޮޑު ގުރުބާނީއެއްވެ، ހޮސްޕިޓަލުން ޗުއްޓީ ނަގައިގެން އޭނާގެ އުފަންދުވަސް ފާހަގަކުރަން އައުމުން އުފާވާންޖެހޭނެއެވެ. ނަމަވެސް ޒަޔާންގެ ހިތުގައި އޮތީ ނުތަނަވަސްކަމެކެވެ.
"ޒަޔާން؟" ކައިރީގައި ހުރި ޔާނާ ގޮވާލިއެވެ.
އާލިޔާ އެނބުރި ޔާނާއަށް ބަލާލިއެވެ. "ހާއި! އަހަންނަކީ އާލިޔާ. ޒަޔާންގެ ގާރލްފްރެންޑް."
ޔާނާގެ މޫނުމަތިން ކުއްލިއަކަށް ހިނިތުންވުން ގެއްލި، ސިހުމެއް ވެރިވިއެވެ. އޭނާ ޒަޔާންގެ މޫނަށް ބަލާލިއެވެ. ޒަޔާން އިސްދަށަށް ޖަހާލައިގެން ހުރީ، ޔާނާގެ ދެލޮލާ ކުރިމަތިލާން ނުކެރިގެންނެވެ.