








އޮގަސްޓު 2026 ގައި މީރާއިން 2.42 ބިލިއަން ރުފިޔާބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14% އިތުރު އަދަދެއް ކަމަށާއި މި އަދަދަކީ އޮގަސްޓު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 24% އިތުރު އަދަދެއް ކަމަށެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ އޮގަސްޓުގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު، މިއަހަރުގެ އޮގަސްޓުގައި ލިބިފައިވާ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓަށް މުއްދަތު އިތުރު ކޮށްފައިވުން ކަމުގައި ބުނެއެވެ.
މީރާ އިން ބުނީ މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އިތުރުވެފައިވުމަކީވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެއް ކަމަށެވެ.
ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ މިއަހަރުގެ އޮގަސްޓު މަހު ރިކޯޑްކުރެވިފައިވާއިރު، 2025 ވަނަ އަހަރުގެ އޮގަސްޓު މަހު މި ފީ ރިކޯޑްކުރެވިފައެއްނުވާ ކަމަށާއި ހަމަމިއާއެކު، ވާކް ޕާމިޓް ފީ ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޮގަސްޓް މަހު އިތުރުވެފައިވާ ކަމަށް ވެސް މީރާ އިން ބުނެއެވެ.
އޮގަސްޓު 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، އާންމުދާއިރާގެ ޖީ.އެސް.ޓީ އާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ އިތުރުން ބޭންކް އިންކަމް ޓެކްސް އިތުރުވުން ކަމަށް ވެސް މީރާ އިން ބުނެއެވެ. އަދި އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވާތީ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އެއްފަހަރާ ލިބިފައިވުމަކީވެސް އޮގަސްޓު 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އިތުރުވި އެއް ސަބަބެއްކަމަށް މީރާއިން ބުނެއެވެ.




