.jpeg?w=3840&q=75)


.jpeg?w=3840&q=75)





ސެޕްޓެންބަރު 2026 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.69 ބިލިއަން ރުފިޔާކަމުގައި މީރާ އިން ބުނެފިއެވެ.
މީރާ އިން ބުނީ މިއީ ސެޕްޓެންބަރު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.7% އިތުރު އަދަދެއް ކަމަށެވެ.
ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއީ %10.7 ގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަނެފައިވާ ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު މިއީ %8.9 ގެ ކުރިއެރުމެއް ކަމުގައި އެ އިދާރާ އިން ބުނެއެވެ.
މީރާއިން ބުނީ ސެޕްޓެންބަރު 2026 އަށް އަންދާޒާކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޖީ.އެސް.ޓީއާއި، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. ޚާއްޞަކޮށް ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) އިތުރުވެފައިވަނީ، މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %18 އިތުރުވުމާ ގުޅިގެން ކަމުގައި ބުނެއެވެ.
ހަމައެއާއެކު، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު ޢަދަދު ވެސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި ސެޕްޓެންބަރު 2026 ގައި ލިބިފައިވާ އާމްދަނީގެ15.8% އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާކަން މީރާ އިން ފާހަގަކުރެއެވެ. އަދި އާމްދަނީގެ 17.4% ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމުގައި ވަނީ ބުނެފައެވެ.
ސެޕްޓެންބަރު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ސެޕްޓެންބަރު 2026 ގައި ލިބިފައިވާ އާމްދަނީ 10.7% ދަށްވި މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި އާންމުދާއިރާގެ ޖީ.އެސް.ޓީ ދަށްވުން ކަމަށް ވެސް މީރާ އިން ބުނެއެވެ.
.jpeg?w=3840&q=75)


.jpeg?w=3840&q=75)
