








ކޮންކުއިސްޓާ އެސްސީ އާއި މަސްނަނު އެސްސީ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު 12-2 ގެ ތަފާތުބޮޑު ނަތީޖާއަކުން މަސްނަނު އެސްސީ ބަލިކޮށް މުބާރާތުގެ ސެމީފައިނަލުގެ ފަހު ޖާގަ ކޮންކުއިސްޓާ އެސްސީ އިން ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި ކޮންކުއިސްޓާ އެންމެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާ އަތުން 17-4 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، މުބާރާތުގައި މަސްނަނު އެސްސީ އެންމެ ފަހުން ކުޅުނު މެޗުގައި ތީ ލައިވް އެސްސީ އަތުން އެޓީމު ބަލިވީ 13-4 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ކޮންކުއިސްޓާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތަރު ލަނޑުގެ ލީޑަކާއެކު 6-2 ގެ ނަތީޖާއަކުން ކޮންކުއިސްޓާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެޓީމު މުހައްމަދު އަޔާން އަހުމަދު އަދި ޝަނާން ރަޝާދު މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އިސްމާއިލް ޝަހުދު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ އަމްމާރު ޝަރީފް އަދި މުހައްމަދު ވިލްފް އެވެ.
މީގެ އިތުރުން މިމެޗުގައި މަސްނަނު އެސްސީގެ އަބްދުﷲ އަލީމް އަދި ހަސަން މުނާޒް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮންކުއިސްޓާގެ ޝަނާން ރަޝާދު އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަ މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ތިންވަނަ ޓީމުގެ ގޮތުގައި ކޮންކުއިސްޓާ އެސްސީ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު، މިމެޗުން ބަލިވި މަސްނަނު އެސްސީ އިން މުބާރާތް ނިންމާލީ ލީގުބުރުގައި ކުޅުނު ހަ މެޗުން ހޯދި އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮވެއެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.



.jpg?w=3840&q=75)




