







ވީސީއެސްއޭ އާއި އެމްއެންޔޫ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އިން އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫ 2-1 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.
މުބާރާތުގައި އެމްއެންޔޫ ކުޅުނު ފުރަތަމަ މެޗުގައި 2-0ގެ ނަތީޖާއަކުން މިއާންޒް އަތުން މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން އައިޔޫއެމްއެސްޔޫ ބަލިކޮށްފައެވެ. އަދި ވީސީއެސްއޭގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން މިއާންޒް ބަލިކޮށްފައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 12-9 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވީސީއެސްއޭ އިންނެވެ.
ނަމަވެސް ޖެހިގެންް އައި ދެވަނަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 11-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްއެންޔޫ އިން ވަނީ މެޗުގެ ނަތިޖާ އެއްވަރުކޮށްފައެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް ވާދަވެރި ކުޅުމަކަށްފަހު 10-8 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވީސީއެސްއޭ އިންނެވެ.
އެގޮތުން މިމެޗުގައި ވީސީއެސްއޭގެ އުލްޔާ 12 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ މާލް އަށް ޕޮއިންޓް އަދި އާލާ ވަނީ ފަސް ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި ވީސީއެސްއޭގެ އަފްނާން ދެ ޕޮއިންޓް ކާމިޔާބުކުރިއިރު، ހުޝާމާ ވަނީ އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އެމްއެންޔޫގެ ޝިއުރާ 10 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ފާއިގާ އަދި ނާއިޝާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އަށް ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ޒާރާ މިމެޗުގައި އިތުރު ދެ ޕޮއިންޓް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީސީއެސްއޭގެ ޚަދީޖާ ޖަނާ ޖަމީލް އެވެ.
މިނަތީޖާއެކު މުބާރާތުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ވީސީއެސްއޭ އިން ހަ ޕޮއިންޓް ހޯދާފައިވާއިރު، މިމެޗުން ބަލިވި އެމްއެންޔޫ އިން ވެސް ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދާފައެވެ.
އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.








