
ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
ހޭންޑްބޯޅަ މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތާއިއެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހޭންްޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރަޖިސްޓްރީ ކޮށްފައިވާ، ކުޅިވަރު ކްލަބްތަކާއި މަދަނީ ޖަމިއްޔާތަކާއި ލޯކަލް ކައުންސިލްތަކާއި ޒުވާނުން ހިންގާ ޖަމިއްޔާތަކާއި އަމިއްލަ ކުންފުނިތަކަށް ގައުމީ ފުރަތަމަ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
28 ނޮވެމްބަރު 2026 އިން 10 ޑިސެންބަރު 2026 ގެ ނަޔަލަށް ކުރިއަށް ގެންދިއުމަށް ހޭންޑްބޯލް މޯލްޑިވްސް އިން ތާވަލުކޮށްފައިވާ، މިމުބާރާތުގެ ހޯސްޓިން ޕާޓްނަރަކަށް ވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި، ޕްރޮޕޯސަލް ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވާނީ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ 12:00 ގަ އެވެ.
މުއްދަތު ހަމަވުމުގެ ކުރިން، ޕްރޮޕޯސަލާއި އިތުރު ލިޔުންތައް ހުށަހަޅަން ހޭންޑްބޯލް މޯލްޑިވްސް އިން ދީފައިވާ އީމެއިލް އެޑްރެސް އަކީ، އެވެ. އަދި، މިކަމާ ގުޅޭގޮތުން، އިތުރު މައުލޫމާތު ސާފުކުރުމަށް ހޭންޑްބޯލް. މޯލްޑިވްސްގެ ވަޓްސަޕް ހޮޓްލައިން ނަމްބަރު، 9607673500 އަށް ރަސްމީ ވަގުތު (9:00 - 14:00) އަށް މެސެޖުކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ހޭންޑްބޯލް މޯލްޑިވްސްގެ އިއުލާނުގައި ވަނީ ބުނެފައެވެ. އަދި މުއްދަތު ހަަމަވާފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ، ގައުމީ ބީޗް ހޭންޑްބޯޅައި މުބާރާތުގައި ބައިވެރިވުމަށް ވެސް ހުޅުވާލައިފަ އެވެ. އެ ގޮތުން، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން، ބައިވެރިވުމުގެ ފޯމު ފުރުމަށް ފަހު، ހޭންޑްބޯލް މޯލްޑިވްސް އަށް ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް ހޭންޑްބޯލް މޯލްޑިވްސްގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ގޫގަލް ފޯމެއް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ، ދީފައިވާ މުއްދަތަށް ފަހު ފޯމު ހުށަހަޅާ ޓީމުތަކަށް ފުރުސަތު ނޯންނާނެ ކަމަށެެވެ.














