







އެވިޑާއީ އައިޔޫއެމްއެސްޔޫ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ ފިރިހެން ޑިވިޝަންގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އައިޔޫއެމްއެސްޔޫ ބަލިކޮށް އެވިޑުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މުބާރާތުގައި އައިޔޫއެމްއެސްޔޫ ކުޅުނު ފުރަތަމަ މެޗުގައި އެމްއެންޔޫ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، އެވިޑްގެ ފުރަތަމަ މެޗުގައި ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އަތުން އެޓީމު ވެސް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ފަސް ޕޮއިންޓްގެ ލީޑަކާއެކު 19-14 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިޔޫއެމްއެސްޔޫ އިންނެވެ.
ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް ހަ ޕޮއިންޓްގެ ލީޑަކާއެކު 14-8 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެވިޑުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް 6-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެވިޑުން ވަނީ މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ.
މިމެޗުގައި އެވިޑްގެ ނާބިތު 15 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ޝުއާއު ވަނީ 10 ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ވިޔާޒް ތިން ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ އަސީދު، ސިނާން އަދި ސޯލިހް މިއން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި ދެ ޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އައިޔޫއެމްއެސްޔޫގެ ރުކްޝަން 21 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ އަރީޝް ވަނީ ހަތަރު ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ރައީން މިމެޗުގައި ދެޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ އައިމަން އަދި ޖައިދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެވިޑްގެ ނާބިތު އިސްމާއިލް އެވެ.
އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.








