

.jpg?w=3840&q=75)





ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ ބޮޑު އަމާޒަކީ ކޮންމެ ގޮތެއް ހަދައިގެންވެސް އަލުން ވެރިކަމަށް ވަޑައިގަތުން ކަމަށާއި އެހެންނަމަވެސް އެކަމެއް ނުވާނެކަން ފަހުމުވާ މޭރުމަކުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވާހަކަދައްކަވައިފިއެވެ.
ރައީސް ޔާމީނަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެ، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ އެމަނިކުފާނަށް (ރައީސް ޔާމީނަށް) ދެން ވެރިކަން ކުރެއްވޭނީ ހަމައެކަނި ގޭގެ ސިޓިންރޫމުގައި ކަމަށެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމުވެސް ފުރުއްވާ ފަލާހު ވަނީ ދިވެހި ރައްޔިތުންގެ ބޮލަށް އަދިވެސް ސަވާރުވެވޭނެ ކަމަށް ޔާމީން ގަބޫލުކުރައްވަނީތޯ ސުވާލު ވެސް ކުރައްވާފައެވެ.
މީގެއިތުރުން ޔާމީންގެ ހަގީގީ ބޭނުންފުޅަކީ އަނެއްކާވެސް ދައުލަތުގެ ބައިތުލްމާލު ކައިހުސްކޮށްލުން ކަމަށް ތުހުމަތު ކުރައްވަމުން ވިދާޅުވީ، ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ދައުލަތުން ފަސް ބިލިއަން ރުފިޔާ ލޫޓުވާލާފައިވާ ކަމަށާއި ގާނޫނީ ލޫޕްހޯލްތައް ބޭނުންކުރައްވައިގެން އެ ފައިސާ މަނީ ލޯންޑަރ ކުރައްވަމުން ގެންދަވާ ކަމަށެވެ.


.jpg?w=3840&q=75)



