




.jpg?w=3840&q=75)


އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އެކޮމެޓީން ފާސްކޮށްފައިވަނީ އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތައް ވެސް އިތުރުކޮށް، 95،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ދިނުމަށެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ މުސާރަ މުރާޖަޢާކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހް އެވެ.
އެހެނިހެން މަސައްކަތްތަކުގެ ބައިގައި ހިމަނާ މަމްދޫހު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މުސާރަ މުރާޖާކޮށްދިނުމަށް ހުށަހެޅުއްވީ، މުސާރަތަކަށް ގެނެވުނު ބަދަލުތަކާ އެކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް ދިނުމަށް ކަމަށެވެ. އެގޮތުން މިހާރު އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް މުރާޖާކޮށް، ޚާއްސަ އެލަވެންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ.
އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ. ކޮމިޓީން އެ ހުށަހެޅުން ފާސްކުރެއްވީ އެ ވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިހާރު އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވަނީ، 91،000 ރުފިޔާގެ މުސާރައެކެވެ. ކޮމިޓީން ގެނައި ބަދަލާއެކު އުއްތަމަ ފަނޑިޔާރަށް ޖުމުލަ 95،125 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ. މަޖިލީހުގެ ރައީސްގެ މުސާރަ ވެސް 95،000އަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކުރުމަށް މިދިޔަ ބުދަ ދުވަހު މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފައިވާ ގޮތުގައި މިހާރު މަޖިލިސް ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވައެވެ. ކޮމިޓީގައި އިއުލާންކުރި ގޮތުގައި، އެ ފަރަގު އަންނަނީ މަޖިލީހުގެ ރައީސް ކޮމިޓީގައި ބައިވެރިވެވަޑައިނުގަނެވޭތީއެވެ.








