




.jpg?w=3840&q=75)


ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އަންނަ މަހު ހަމަވާނެކަމަށްމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބުނެފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މި މުއްދަތު އިތުރުކުރިކަން ހާމަކުރީ މިއަދު ނެރުނު އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 7 ވަނަ ބާބަށްރިޢާޔަތްކޮށް، އެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ، ނޫސްމަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ އެންމެހައި ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ ރިކޯޑުތައް އަދާހަމަކުރުމަށް ދީފައިވާ 6 މަސްދުވަހުގެ މުއްދަތު 28 އޮކްޓޫބަރު 2026 އަށް ހަމަވާނެ ކަމަށެވެ.
އެހެންނަމަވެސް، އެ މުއްދަތު އިތުރު 3 މަސްދުވަހަށް އިތުރުކޮށްދިނުމަށް ކޮމިޝަނުން މިހާރު ވަނީ ނިންމާފައި ކަމަށާއި އެހެންކަމުން ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމުގެ އެންމެ ފަހު ތާރީޚަކީ، 28 ޖަނަވަރީ 2027 ވާ ބުދަ ދުވަހުގެރޭގަނޑު 23:59 ކަމުގައި ވަނީ ބުނެފައެވެ.
އަލަށް އަމަލުކުރަން ފެށި ގަވާއިދުގައި ނޫސް މަޖައްލާތައް ހަތަރު ބަޔަކަށް ގިންތިކޮށްފައިވާއިރު، އެއީ ނޫސް، މަޖައްލާ، ނިއުސް ލެޓާ އަދި ޖާނަލްއެވެ. އެ ބާވަތްތައް ޕްރިންޓްކޮށްގެންނާއި، ވެބްސައިޓް، ސޯޝަލް މީޑިއާ، މޯބައިލް އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިންގުމުގެ ފުރުސަތު ގަވާއިދުގެ ދަށުން ވަނީ ލިބިދީފައެވެ.
މީގެއިތުރުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ނޫސް މަޖައްލާ ހިންގުމުގެ ހުއްދަ ލިބުނު ނަމަވެސް، ކުންފުނިތަކުގެ އެތެރޭގެ މައުލޫމާތު ހިއްސާކުރުމަށް މުވައްޒަފުންނަށް ހާއްސަކޮށްގެން ނެރޭ ލިޔުންތައް ގަވާއިދުން ވަނީ އިސްތިސްނާކޮށްފައެވެ.
ގަވާއިދުގެ ދަށުން ނޫސް މަޖައްލާއަކަށް ދޫކުރާ ރަޖިސްޓްރީގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އަދި މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އާކުރަން ހުށަހަޅަންޖެހޭއިރު، އެއްވެސް އެއްޗެއް ޝާއިއުނުކޮށް އެއް އަހަރު ވެއްޖެ ނަމަ، އެ ނޫސް މަޖައްލާއެއްގެ ރަޖިސްޓްރީ އުވިގެންދާނެއެވެ.
މީގެކުރިން ސަރުކާރުގެ އެކި މިނިސްޓްރީތަކުން ބަލަހައްޓަމުން އައި ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުމާއި ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް އެމްއެމްބީސީއަށް ބަދަލުވީ އެ ކޮމިޝަންގެ ގާނޫނު ވުޖޫދުވުމާ ގުޅިގެންނެވެ.




