






ޤަތުލުއާންމާގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ވަނީ ލާޒިމްކޮށްފަ ކަމުގައި ބަންޑާރަ ނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު މިހެން ވިދާޅުވީ ޤާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭގޮތުން ސައްޙަ ނޫން މައުލޫމާތު ފަތުރަމުންދާތީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި އިސްލާހަށް ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ހިމަނާފައިވަނީ ގާނޫނުލްއުގޫބާތަށް ގަތުލްއާންމުގެ ކުށް އިތުރުކުރުމަށެވެ. އެގޮތުން ވަކި ޤައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާޢަތަކާ ދެކޮޅަށް ޤަތުލުއާންމު ހިންގުން މަނާކުރުމަށް ވަނީ ހިމަނުއްވާފައެވެ.
މިކަމާގުޅިގެން ބަންޑާރަ ނައިބު ކުރެއްވި ޕޯސްޓުގައި ވަނީ ޤަތުލުއާންމަކީ "ޖެނޮސައިޑު" ކަން ފާހަގަކުރައްވައި، އެ ކުށް ހުއްޓުވުމާއި އަދަބުދިނުމާގުޅޭ ބައިނަލްއަގުވާމީ މުއާހަދާ، "ޖެނޮސައިޑް ކޮންވެންޝަން" ގައި ރާއްޖެއިން 1984 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ބައިވެރިވެފައިވާކަން ފާހަގަކުރައްވާފައެވެ.
އެ މުޢާހަދާގެ 5 ވަނަ މާއްދާގައި، މުޢާހަދާއަށް ޢަމަލުކުރުމަށްޓަކައި މުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުން ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި، ޤަތުލުއާންމާގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މުއާހަދާގައި އެގޮތަށް ލާޒިމުކުރި ނަމަވެސް، 42 އަހަރު ވެގެން ދިޔައިރު ރާއްޖެއިން އެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންވެ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙަކީ، ޖެނޮސައިޑް ކޮންވެންޝަނާ އެއްގޮތްވާ ގޮތުގެމަތިން ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ އިޞްލާހެއް ކަމަށާއި މިއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއްކަންވެސް ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.






.jpeg?w=3840&q=75)