








ވިންސިއާ އާއި ޔުނައިޓެޑް ކޮންކުއިސްޓާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 9-3 ގެ ތަފާތުބޮޑު ނަތީޖާއަކުން ޔުނައިޓެޑް ކޮންކުއިސްޓާ ބަލިކޮށް ވިންސިއާ އިން ލީގުބުރުގެ ދެވަނަ ކަށަވަރުކޮށްފި އެވެ.
މުބާރާތުގައި ވިންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް އާރުޑީއެލް އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއރު، ޔުނައިޓެޑް ކޮންކުއިސްޓާ އެންމެ ފަހުން ކުޅުނު މެޗުގައި ކޮންކުއިސްޓާ އެސްސީ އަތުން 17-4 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މުޅި މެޗުގައި ވެސް މޮޅަށްކުޅެ ވިންސިއާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 5-2 ގެ ނަތީޖާއަކުން ވިންސިއާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވިންސިއާ އިން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޔުނައިޓެޑް ކޮންކުއިސްޓާއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.
އެގޮތުން މިމެޗުގައި ވިންސިއާގެ އަލީ ހާފިޒް (ހާއްޕެ) ހަ ލަނޑު ކާމިޔާބުކޮށް ޑަބަލް ހެޓްރިކް ހެދިއިރު، އެޓީމުގެ އަބްދުﷲ ފައިސަލް، އިބްރާހިމް އަލީފް އަދި މުހައްމަދު އައްޒާމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާގެ ތިން ލަނޑު ވެސް ކާމިޔާބުކޮށް އެޓީމުގެ އަހުމަދު އުމަރު ހެޓްރިކް ހެދިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިންސިއާގެ އަލީ ހާފިޒް (ހާއްޕެ) އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަ މެޗުން ހޯދި 13 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި ވިންސިއާ އޮތްއިރު، މިމެޗުން ބަލިވި ޔުނައިޓެޑް ކޮންކުއިސްޓާ އިން މުބާރާތް ނިންމާލީ ލީގުބުރުގައި ކުޅުނު ހަ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައި އޮވެއެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.








