








އާރްޑީއެލްގެ މުހައިމިން އަދި އޮންލީ ތީ ލައިވް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި އާރުޑީއެލް އެސްސީ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެ ތީ ލައިވް އެސްސީއަށް މުބާރާތުގެ ސެމީއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެެ އެވެ.
މުބާރާތުގައި ތީ ލައިވް އެސްސީ އެންެމެ ފަހުން ކުޅުނު މެޗުގައި މަސްނަނު އެސްސީ އަތުން 13-4 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، އާރުޑީއެލް އެސްސީ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 17-3 ގެ ތަފާތުބޮޑު ނަތީޖާއަކުން މަސްނަނު އެސްސީ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފާރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އާރުޑީއެލް އެސްސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފް (އޮންލީ) އެވެ. ނަމަވެސް ޖެހިގެންއައި މިނެޓުގައި ތީ ލައިވް އެސްސީގެ ހުސެއިން މުންތަހާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ތީ ލައިވް އިން ނަތީޖާ އެއްވަރުކުރިތާ މިނެޓެއް ނުވެ، އާރުޑީއެލް އެސްސީއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިނީ އެޓީމުގެ އަބްދުﷲ މުހައިމިންއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އާރުޑީއެލް އެސްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އާރިޑީއެލް އެސްސީ އިންނެވެ. އަދި މެޗުގެ 26 ވަނަ މިނެޓުގައި މުހައިމިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ތީ ލައިވްގެ ނައުހަދު އިބްރާހިމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 3-2 ގެ ނަތީޖާއަކުން އާރުޑީއެލް އެސްސީ ކުރީގައި އިޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުޑީއެލް އެސްސީގެ އިބްރާހިމް ރިމާހް އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަ މެޗުން ހޯދި 13 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އާރުޑީއެލް އެސްސީ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ތީ ލައިވް އެސްސީ އިން ލީގުބުރުގައި ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. ނަމަވެސް މިރޭ ކުޅޭ ލީގުބުރުގެ ފަހު މެޗުގައި ތާވަލުގެ ފުލުގައި އޮތް މަސްނަނު އެސްސީ އަތުން ކޮންކުއިސްޓާ އެސްސީ މޮޅުވެއްޖެ ނަމަ ތީ ލައިވްއަށް މުބާރާތުގެ ސެމީގެ ފުރުސަތު ގެއްލޭނެއެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.








