
ޔުނައިޓެޑް ކޮންކުއިސްޓާ އާއި ކޮންކުއިސްޓާ އެސްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާ 17-4 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށް ކޮންކުއިސްޓާ އެސްސީ އިން މުބާރާތުގެ ސެމީފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ހޯދައިފިއެވެ.
މުބާރާތުގައި ކޮންކުއިސްޓާ އެސްސީ އެންމެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް އާރުޑީއެލް އާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، މުބާރާތުގައި ޔުނައިޓެޑް ކިންކުއިސްޓާ އެންމެ ފަހުން ކުޅުނު މެޗުގައި ތި ލައިވް ސްޕޯޓްސް ކުލަބު އަތުން 6-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މުބާރާތުގައި ކުރިއަށް ދިއުމަށް ދެޓީމަށް ވެސް މޮޅުވުން މަޖުބޫރު މިމެޗުގައި ކޮންކުއިސްޓާ އެސްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ލަނޑުގެ ލީޑަކާއެކު 7-2 ގެ ނަތީޖާއަކުން ކޮންކުއިސްޓާ އެސްސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 10 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވެސް ޔުނައިޓެޑް ކޮންކުއިސްޓާ އިން ދެލަނޑު ކާމިޔާބުކުރިއެވެ.
އެގޮތުން މިމެޗުގައި ކޮންކުއިސްޓާ އެސްސީގެ ކެޕްޓަން މުހައްމަދު އަޔާން އަހުމަދު ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މުހައްމަދު ޒާން ބިން އަތިފް އަދި އަބްދުﷲ އަމްމާރު ޝަރީފް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. އަދި މިމެޗުގައި ކޮންކުއިސްޓާ އެސްސީގެ އިސްމާއިލް ޝަހުދު، އަހުމަދު އަރީފް އަދި މުހައްމަދު ވިލްފް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ
މީގެ އިތުރުން މިމެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާގެ އަހުމަދު އުމަރު ދެލަނޑު ކާމިޔާބުކުރިއިރު، މިމެޗުގައި އެޓީމުގެ އަހުމަދު ފިރުޝާން އަދި އަހުމަދު ސުދައިސް އަލީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮންކުއިސްޓާ އެސްސީގެ މުހައްމަދު އަޔާން އަހުމަދު އެވެ.
މިނަތީޖާއެކު މުބާރާތުގައި ކުޅުނު ފަސް މެޗުން ކޮންކުއިސްޓާ އެސްސީއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި ލީގުބުރުގެ ފަހުމެޗުގައި ތާވަލުގެ ފުލުގައި އޮތް މަސްނަނު އެސްސީ އާއި ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗުން މޮޅުވެ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އެޓީމަށް ވަނީ ހުޅުވިފައެވެ.
މީގެ އިތުރުން މިމެޗުން ބަލިވި ޔުނައިޓެޑް ކޮންކުއިސްޓާ އިން ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި ހަތަަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. އަދި ލީގުބުރުގައި އެޓީމުން ކުޅޭ ފަހު މެޗުގައި މާދަމާ ރޭ ވިންސިއާ އެސްސީ އަތުން މޮޅުވި ނަމަވެސް، މުބާރާތުގައި އިތުރަށް ކުރިއަށްދިއުމުގެ ފުރުސަތެއް މިހާރު އެޓީމަކަށް ނެތެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
















