








މަސްނަނު އެސްސީ އާއި ތީ ލައިވް އެސްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 13-4 ގެ ތަފާތުބޮޑު ނަތީޖާއަކުން މަސްނަނު އެސްސީ ބަލިކޮށް ތީ ލައިވް އެސްސީ އިން މުބާރާތުގެ ސެމީފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.
މުބާރާތުގައި ތީ ލައިވް އެސްސީ އެންމެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާ އަތުން 6-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މަސްނަނު އެސްސީ އެންމެ ފަހުން ކުޅުނު މެޗުގައި އާރުޑީއެލް އެސްސީ އަތުން އެޓީމު ބަލިވީ 17-3 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް ތީ ލައިވްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 7-1 ގެ ނަތީޖާއަކުން ތީ ލައިވް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު ހަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި މަސްނަނު އެސްސީ އިން ވެސް އިތުރު ތިން ލަނޑު ކާމިޔާބުކުރިއެވެ.
އެގޮތުން މިމެޗުގައި ތީ ލައިވް އެސްސީގެ ހުސެއިން ސުހައިލް ހަ ލަނޑު ކާމިޔާބުކުރިއިރު، އަބްދުﷲ އިޔާޝް އަނިލް ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. އަދި އަހުމަދު ހަމީދު ދެލަނޑު ކާމިޔާބުކުރިއިރު، ނައުހަދު އިބްރާހިމް އަދި ކެޕްޓަން އަހުމަދު އިރުޝާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި މަސްނަނު އެސްސީގެ ނަފީސް އަލި މަނިކް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ކީޕަރު ތައުރީފް މަންސޫރު އަދި ހަސަން މުނާޒް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތީ ލައިވް އެސްސީގެ ހުސެއިން ސުހައިލް އެވެ.
މިނަތީޖާއެކު މުބާރާތުގައި ތީ ލައިވް އެސްސީ ކުޅުނު ފަސް މެޗުން ހޯދި ނުވަ ޕޮއިންޓާއެކު އެޓީމު ތާވަލުގެ ހަތަރުވަނައިގައި އޮތްއިރު، މިމެޗުން ބަލިވި މަސްނަނު އެސްސީ އިން މުބާރާތުގައި ކުޅުނު ފަސް މެޗުން ހޯދި އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.








