








ވިންސިއާ އާއި ޔުނައިޓެޑް އާރުޑީއެލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޔުނައިޓެޑް އާރުޑީއެލް ބަލިކޮށް ވިންސިއާ ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި ވިންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި ކޮންކުއިސްޓާ އެސްސީ އަތުން 4-5 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ޔުނައިޓެޑް އާރްޑީއެލް އެންމެ ފަހުން ކުޅުނު މެޗުގައި ކޮންކުއިސްޓާ އެސްސީ އާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މުބާރާތުގެ ސެމީފައިނަލުން ޖާގަ ކަށަވަރުކުރުމަށް ދެޓީމަށް ވެސް މޮޅުވުން މުހިންމު މިމެޗުގައި ވިންސިއާ އެސްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ވިންސިއާގެ އަލީ ހާފިޒް އަދި މުހައްމަދު ރާޖިހް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އަސްވަދު އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިންސިއާ އެސްސީގެ އަލީ ހާފިޒް (ހާއްޕެ) އެވެ.
މިނަތީޖާއެކު މުބާރާތުގެ ލީގުބުރުގައި ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި ވިންސިއާ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ޔުނައިޓެޑް އާރުޑީއެލް ލީގުބުރުގައި ކުޅުނު ހަމެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.








