
މިނިސްޓަރު ސައީދު ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުން އާންމު ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަގުފަހިކޮށްދޭނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ޕްރެސް ރޫމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އާ ގާނޫނުގެ ދަށުން މާލެ ސަރަހައްދަކީ "ރަޖިސްޓެރޭޝަން ކޮންޓްރޯލްޑް" ޒޯނެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.
ނަމަވެސް މީގެ މާނައަކީ ވެހިކަލް ރަޖިސްޓްރީ ނުކުރެވޭނެ ވާހަކަ ނޫން ކަމަށާއި، ރަޖިސްޓްރީ ކުރެވޭނީ ވަކި ހަރުދަނާ މިންގަނޑުތަކެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވެހިކަލަ ރަޖިސްޓްރޭޝަނާއި އަހަރީ ފީ އިން މާލެ ސަރަހައްދުން އެކަނިވެސް އަހަރަކީ 220 މިލިޔަން ރުފިޔާ ލިބޭއިރު، މިއީ ވަކި ހާއްސަ މަގްސަދުގައި ނަގާ ފައިސާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން ވެހިކަލް ބޭނުންކުރެވޭނެ އުމުރާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އައިޔޫއެމްގެ ދިރާސާއިން 15 އަހަރު ކަނޑައަޅަން ލަފާދީފައިވީ ނަމަވެސް، ރައްޔިތުންނަށް ތަކުލީފު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ނިންމެވީ މެދުމިންގަނޑެއްގެ ގޮތުގައި 20 އަހަރު ކަނޑައެޅުމަށެވެ. އަދި މި އުސޫލަށް އަމަލުކުރަން ފަށާނީ ޤާނޫނު ތަންފީޒުކުރާތާ 3 އަހަރު ފަހުންކަމަށްވެސް މިނިސްޓަރު ފާހަގަކުރި އެވެ.
އުމުރު ހަމަވާ ވެހިކަލްތައް އެއްލައިލަން ނުޖެހޭނެ ކަމަށާއި، ސަރުކާރުން އެއިރެއްގައި ކަނޑައަޅާ އުސޫލެއްގެ ދަށުން އަގު ދިނުމަށްފަހު އެ އުޅަނދުތައް ނަގާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރު ދެއްވި އެވެ.










.jpg?w=3840&q=75)





