
-
އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ސްމާޓްފޯނުތައް ކަމަށްވާ "އައިފޯން 18 ޕްރޯ" އަދި "އައިފޯން 18 ޕްރޯ މެކްސް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މުޅިން އައު ފީޗާސްތަކާއެކު ނެރުނު މި އައު ޑިވައިސްތަކުގައި ހިމެނޭ އެންމެ ބޮޑު އެއް ޚާއްޞަކަމަކީ ކުރިއަށްވުރެ ވިސްނުންތޫނު، "ކޮންޓެކްސްޓް-އަވެއަރ" ސިރީ އޭއައި އެވެ. މި އައު ސިރީ މެދުވެރިކޮށް އަމިއްލައަށް އީމެއިލްތައް ޑްރާފްޓްކުރުމާއި، މުހިންމު އަދި މައުލޫމާތުން ފުރިގެންވާ މުޢާމަލާތްތައް ހިންގުމުގެ އިތުރުން، އެޕަލްގެ އެކޯސިސްޓަމްގައި ހިމެނޭ އެހެނިހެން ޑިވައިސްތަކުގެ މެދުގައި ވާހަކަތައް ސިންކްކޮށްލުމުގެ ޤާބިލުކަން ލިބިފައިވެއެވެ.
ހާޑްވެއަރ އަޕްގްރޭޑްތަކަށް ބަލާއިރު، މި ފޯނުތަކުގައި ބޭނުންކޮށްފައިވަނީ އެޕަލްގެ އެންމެ ފަހުގެ ބާރުގަދަ އޭ20 ޕްރޯ ޗިޕްސެޓެވެ. މީގެއިތުރުން، އައިފޯންގެ ތާރީޚުގައި މިހާތަނަށް ހިމަނާފައިވާ އެންމެ ބޮޑު ބެޓެރީ ލައިފާއި، ފޮޓޯ އަދި ވީޑިއޯ ނެގުމަށް ގެނެސްފައިވާ ފާހަގަކޮށްލެވޭ ކެމެރާ އަޕްގްރޭޑްތައް މި އައު މޮޑެލްތަކުގައި ހިމެނެއެވެ.
އައިފޯންގެ ތާރީޚުގައި ފާއިތުވި އަހަރުތަކުގައި ގެނައި އެންމެ ބޮޑު ކެމެރާ އަޕްގްރޭޑްގެ ގޮތުގައި، 48 މެގަޕިކްސެލްގެ ފިއުޝަން މެއިން ކެމެރާއާއެކު "ވޭރިއަބަލް އެޕަޗަރ" ވަނީ އައިފޯން 18 ގައި ތަޢާރަފުކޮށްފައެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އަނދިރި މާޙައުލުތަކުގައި އޮޓަމެޓިކުން އެޕަޗަރ ހުޅުވިގެން ގާތްގަނޑަކަށް 50 އިންސައްތަ އިތުރަށް އަލި އެތެރެއަށް ވައްދައިދޭއިރު، ގިނަ ބަޔަކު އެކުގައި ނަގާ ގްރޫޕް ފޮޓޯތައް ސާފުކުރުމަށްޓަކައި "ޑެޕްތް އޮފް ފީލްޑް" ފުޅާކުރުމަށް އެޕަޗަރ ހަނިކޮށްލަދެއެވެ.
ފޮޓޯގްރާފަރުންނާއި ވީޑިއޯ އުފައްދާ ފަރާތްތަކަށް އަމިއްލަ ފަންނުވެރިކަން އިތުރަށް ދެއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، އަލަށް ހިމެނި "ޕްރޯ ކޮންޓްރޯލްސް" މެދުވެރިކޮށް އެޕަޗަރ، ޝަޓަރ ސްޕީޑް އަދި ވައިޓް ބެލެންސް އަމިއްލައަށް އެޖަސްޓްކުރެވޭނެ އިންތިޒާމުވެސް އައިފޯން 18 ގައި ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ފޮޓޯގެ އަލިކަން ސީދާ ބަލައި ކޮންޓްރޯލްކުރުމަށް "ހިސްޓޮގްރާމް" ޓޫލްވެސް މިހާރު ފޯނުގެ ކެމެރާއިން ލިބެން ހުންނާނެއެވެ.
އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ހިތްގައިމު އައު 4 ކުލައެއްގައެވެ. އެއީ؛
މި އައު ޑިވައިސްތައް ދުނިޔޭގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފުކުރުމާއެކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ފޯނު ބޭނުންކުރުމުގެ ތަޖުރިބާ މުޅިން އައު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ.
އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސްގެ އަގުތައް ފެށެނީ 1،199 ޑޮލަރަށެވެ. އަންނަ ހަފްތާ ބަންދުގައި މި ފޯނުތަކަށް ޕްރީ އޯޑާރތައް ފެށުމަށް ނިންމާފައިވާއިރު ބާޒާރަށް މިފޯނުތައް ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުއެވެ.












