








އެންސްޕާ
ތެލެސީމިއާ އެލެވަންސްގެ ގޮތުގައި މިދިޔަ މަހު 1 މިލިޔަން (1،070،000) ރުފިޔާ ދޫކޮށްފި އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނީ މިއީ ތެެލެސީމިއާ ބަލި ތަހައްމަލްކުރަމުންދާ މީހުންނަށް ދައުލަތުން ދޭ ހާއްސަ އެލަވަންސް ކަމަށެވެ.
އެންސްޕާ އިން ބުނީ މިދިޔަ މަހު 535 މީހުންނަށް އެލެވަންސް ދޫކޮށްފައިވާއިރު، މީގެތެރޭގައި މުޅިން އަލަށް އެލަވަންސް ލިބެން ފެށި 4 މީހަކުވެސް ހިމެނޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދެމުން އަންނަ މި އިނާޔަތުގެ ދަށުން ގައުމީ ތެލެސީމިއާ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކަށް މަހަކު 2،000 ރުފިޔާ ދޭއިރު، މކަމުގެ ސަބަބުން ތެލެސީމިއާ ކުދިން ބަލަހައްޓާ އާއިލާތަކުގެ މާލި ބުރަ ކުޑަކޮށް، ހާއްސަކޮށް އަތޮޅުތަކުން މާލެ އައިސް ފަރުވާ ހޯދާ ފަރާތްތަކުގެ ދަތުރުފަތުރާއި ކެއުންބުއިމުގެ ހަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
މިކަމުގެ އިތުރުން ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ޒަކާތު ފަންޑާއި އާސަންދަ މެދުވެރިކޮށް ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ވަނީ ފުޅާކޮށްފަ އެވެ. އަދި ތެލަސީމިއާ ސެންޓަރު ހުޅުމާލޭގެ އޮރެންޖް ހިޔާއަށް ބަދަލުކޮށް ލޭ ރައްކާކުރެވޭ މިންވަރާއި އެނދުގެ އަދަދު އިތުރުކޮށްފައިވާއިރު، އާސަންދައިގެ ދަށުން ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް އަދި ކައިވެނީގެ ކުރިން ހަދާ ޑީއެންއޭ ޓެސްޓުތައް ހިލޭ ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް 17،000 އަކަފޫޓުގެ ބިމެއް ވެސް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.








