








ހުރާ ކައުންސިލް ކަޕް 2025 ގެ ފިރިހެން ޗެމްޕިއަން ޓީމު މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..
ޑީސައިންގެ ފަރާތުން އިންތިޒާމުކޮށް ބޭއްވުމަށް ހަމަޖެހިފައިވާ، މިއަހަރުގެ ހުރާ ކައުންސިލް ފުޓްބޯޅަ މުބާރާތް "ކައުންސިލް ކަޕް 2026" މާދަމާ ހަވީރު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ހުރާ ކައުންސިލްގެ ރައީސް އިޙްސާން ޖަމީލު ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވި ގޮތުގައި މިއީ ކައުންސިލުން މި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. އަދި މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ.
"ކުރި މިމުބާރާތް ބޭއްވުނީ ތަންކޮޅެއް ދޭތެރެ ދުރުކޮށް ނަމަވެސް މިދައުރުގައި އަޅުނގަޑުމެން ބޭނުން ކޮންމެ އަހަރަކު ވެސް މިމުބާރާތް ގާވާއިދު ބާއްވަން" ހުރާ ކައުންސިލް ރައީސް ވިދާޅުވިއެވެ.
10 ސެޕްޓެމްބަރު 2026 އިން 19 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 12 ޓީމަކުން ވާދަކުރާއިރު. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން އަށް ޓީމާއި އަންހެން ހަތަރު ޓީމެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމަށް ސެމީފައިނަލުން ފުރުސަތު ލިބޭގޮތަށެވެ.
އަންހެން ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
މީގެ އިިތުރުން މި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 30،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހުރާ ކައުންސިލުން ވަނީ ނިންމާފައެވެ.








