



.jpg?w=3840&q=75)




-
މާލެއާއި ހުޅުމާލޭގައި ދިމާވެފައިވާ ޕާކިންގގެ ދަތި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ޕާކިންގ އިމާރާތްތަކެއް އެޅުމުގެ ޢަމަލީ މަސައްކަތްތައް ސަރުކާރުން ފަށައިފިއެވެ.
މި މަޝްރޫޢުތަކާ ގުޅޭ ތަފްޞީލު މިއަދު ނޫސްވެރިންނާ ހިއްސާކުރައްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ހުޅުމާލޭގައި ޕާކިންގ ބިލްޑިންގތަކުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މާލޭ ހީނާމާގޭ ބިމުގައި ޒަމާނީ ފެންވަރުގެ ޕާކިންގ ވަސީލަތެއް ޤާއިމުކުރުމަށްޓަކައި ކަމާބެހޭ ފަރާތަކާއެކު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އިރާދަކުރެއްވިއްޔާ އަންނަ ހަފުތާގެ ތެރޭގައި އެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ސޯސަންމަގުގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިމާރާތް ކައިރީގައިވެސް ޕާކިންގ ބިލްޑިންގެއް އެޅުމުގެ ފަންނީ މަޝްވަރާތައް ކުރިއަށްދާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. ވަޒީރު ސަޢީދު ޔަޤީންކަން ދެއްވި ގޮތުގައި، އަލަށް ޤާއިމުކުރެވޭ މި ޕާކިންގ އިމާރާތްތަކުން ޚިދުމަތް ދިނުމުގައި އަގު ނަގާނީ ޢާންމު ރައްޔިތުންގެ ޖީބަށް ބުރަ ނުވާނެހެން، އަތްފޯރާ ފަށުގައެވެ.
ވެރިރަށް މާލޭގެ ޕާކިންގ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ އެހެނިހެން މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިންގ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްވެސް މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތުން ބީއެމްއެލް މައި އޮފީސް ކުރިމަތީގައިވާ ޕާކިންގ ޒޯނުން ރަސްމީ ގަޑި ނޫން ވަގުތުތަކުގައި ކުޑަ އަގެއް ދައްކައިގެން އުޅަނދު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ބޭރުގެ އެހީ ހޯދައިގެން ނަމަވެސް، މުޅި މާލޭގެ ޓްރެފިކް ފްލޯ ވަގުތުން ބަލައި ކޮންޓްރޯލް ކުރެވޭނެ ޒަމާނީ ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުމާއި، މަގުމަތީގައި ފުލުހުންގެ ޙަރަކާތްތެރިކަން (ޕޮލިސް ވިޒިބިލިޓީ) އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާ އެއްގޮތަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންކަން ކަމުގައި މިނިސްޓަރު ސަޢީދު ފާހަގަކުރެއްވިއެވެ.




.jpg?w=3840&q=75)



.jpg?w=3840&q=75)