
މިނިސްޓަރު ސައީދު- ފޮޓޯ: ރައީސް އޮފީސް
ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް (ޖީއެމްޓީއެމްއޯ) އުފައްދާފައިވަނީ މާލެ ސަރަަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ހޯދުމަށްޓަކައިކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއީ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރާނެ ހާއްސަ ނިޒާމެއް ގާއިމްކުރުމަށް ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ މި މައްސަލަ ހައްލުކުރެވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކަމަށެވެ.އަދި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސް މުޢިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުވެސް ކުރައްވަން ބޭނުންފުޅުވި، ނަމަވެސް އޭރުގެ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ނުވެ އޮތް ކަމެއްކަން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަލަށް އުފެއްދެވި ޖީއެމްޓީއެމްއޯއަކީ ޤާނޫނީ ބާރު ލިބިފައިވާ އެޑްވައިޒަރީ ކައުންސިލެއްގެ ބެލުމުގެ ދަށުން ހިނގާނެ ތަނެއް ކަމަށެވެ. އަދި މި ކައުންސިލުގައި އިކޮނޮމިކް މިނިސްޓަރުގެ އިތުރުން، ހޯމް މިނިސްޓަރާއި، އެޓަރނީ ޖެނެރަލް އަދި އިންފްރާސްޓްރަކްޗަރ މިނިސްޓަރު ހިމެނިވަޑައިގަންނަވާނެ އެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މި އޮފީހަކީ އަވަސް ނިންމުންތައް (ރިއަލްޓައިމް ޑިސިޝަން) ނިންމޭ ގޮތަށް އިދާރީ ހިންގުން އެކުލަވާލެވިފައިވާ ތަނަކަށް ވުމުން، ޚިދުމަތް ހޯދުމުގައި އެކި ތަންތަނަށް ހިނގަންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމަށެވެ.
















