


.jpeg?w=3840&q=75)





-
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ފެންބޮޑުވެ، ގެދޮރަށާއި ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހދ. އަތޮޅާއި، ހއ. އަތޮޅުގެ އިތުރުން ޅ. އަތޮޅަށެވެ.
ހދ. އަތޮޅުގެ ހާލަތު: ހދ. ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެ ހާލަތު ގޯސްވުމާ ގުޅިގެން 7 ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފެންވަދެ ދިރިނޫޅެވޭވަރުވި 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން ދެ ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ހަމައެއާއެކު، ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެފައިވާއިރު، މީހުން އެހެން ގެތަކަށް ބަދަލުވަމުންދާތީ ފުލުހުންގެ އެހީތެރިކަމާއެކު 1 ޕަންޕުން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނޮޅިވަރަންފަރުގައިވެސް ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވާއިރު، އެ ރަށުގައި 2 ޕަންޕު ބޭނުންކޮށްގެން ފެން ހިންދަމުންދެއެވެ.
ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވީ ނަމަވެސް މީހުން ބަދަލުކުރާ ހިސާބަކަށް ނުދެއެވެ. ކުމުންދޫގެ 3 ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތައް ހަލާކުވި ނަމަވެސް، އަވިދިނުމާއެކު އެރަށުގެ ހާލަތު މިހާރު ވަނީ ރަނގަޅުވާން ފަށާފައެވެ. މީގެއިތުރުން ވައިކަރަދޫ ރަށުތެރޭގައި ފެންބޮޑުވެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނައިވަދޫ އަދި ފިނޭގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ކުރިންބީގެ ދެ ސަރަޙައްދެއްގައި ފެންބޮޑުވި ނަމަވެސް އެ ރަށްރަށުގެ އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހަނިމާދޫ އަދި މަކުނުދޫގެ ހާލަތު ޢާންމު ގޮތެއްގައި ރަނގަޅެވެ.
ހއ. އަތޮޅުގެ ހާލަތު: ހއ. ފިއްލަދޫ، ކެލާ އަދި މާރަންދޫގެ މަގުތަކުގައި ބޮޑުވި ފެންގަނޑު މޫދަށް ކޯރު ކަނޑައިގެން ހިންދާފައިވާއިރު، ކެލާ އަދި މާރަންދޫގެ ގެއަކަށް ފެންވަދެފައިވީ ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ދިއްދޫ އަދި އިހަވަންދޫގެ ފެންބޮޑުވާ ސަރަޙައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖަހާފައިވާއިރު، ދިއްދޫގެ 1 ގެއަކަށް ފެން ވަދެގެން ވަނީ ރިޕޯޓުކޮށްފައެވެ. ތަކަންދޫގައި ފެން ހިންދުމަށް ކާނު ކޮނުމުގެ މަސައްކަތާއި، ރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހއ. އަތޮޅުގެ ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެންބޮޑުވި ނަމަވެސް އެއްވެސް ގެއަކަށް ގެއްލުމެއް ނުވެއެވެ.
ޅ. ނައިފަރުގެ ހާލަތު: ޅ. ނައިފަރުގެ 16 ގެއަކަށް ފެންވަދެފައިވާއިރު، 2 ގެއަކުން މީހުން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް 3 ދުވަހުގެ ކެއުމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއާއި ނައިފަރު ކައުންސިލް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށާއި، ހާލުގައި ޖެހޭ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.



.jpeg?w=3840&q=75)

