

.jpeg?w=3840&q=75)






ބަތަލާ ދިޔާ މިރްޒާ
ތިމާވެށީގެ މައްސަލަތަކަށް އަބަދުވެސް ވަކާލާތުކުރަމުން އަންނަ ބޮލީވުޑްގެ ބަތަލާ ދިޔާ މިރްޒާ، "ކްލީން އެއަރ ޑޭ" (ސާފު ވައިގެ ދުވަސް) އާ ގުޅިގެން، ވައި ނުސާފުވުމުގެ ސަބަބުން އޭނާގެ ދަރިފުޅަށް ދިމާވި ވަރަށް ބިރުވެރި ސިއްހީ މައްސަލައެއްގެ ވާހަކަ ހިއްސާކޮށްފިއެވެ.
ދަރިފުޅުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަމުން ދިޔާ ބުނީ، އޭނާގެ ދަރިފުޅަކީ ދުވަސްނުފުރާ ވިހާފައިވާ ކުއްޖެއް ކަމަށެވެ. އުފަންވިއިރު ބަރުދަނުގައި ހުރީ އެންމެ 820 ގްރާމެވެ. އޭގެ ސަބަބުން ދަރިފުޅުގެ ނޭވާލާ ހޮޅިތައް ހުރީ ވަރަށް ހަނިކޮށް ކަމަށާއި، ދެމަސް ވަންދެން އެންއައިސީޔޫ ގައި ބާއްވައި، ފުރާނަ ސަލާމަތްކުރުމަށް ބޮޑު ދެ އޮޕަރޭޝަނެއް ވެސް ކުރަންޖެހުނު ކަމަށް ދިޔާ ކިޔައިދިނެވެ. އަދި އާންމު ކުދިންނަށްވުރެ ފަސޭހައިން އޭނާގެ ދަރިފުޅު ބަލިވާކަން ވެސް ފާހަގަކުރިއެވެ.
ދިޔާ ބުނިގޮތުގައި، ދަރިފުޅަށް ދެ އަހަރު ފުރެން ކައިރިވެފައި ވަނިކޮށް، އިންޑިއާގެ ވައި ނުސާފުވުމުގެ ސަބަބުން ދަރިފުޅަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. "އަހަރެމެން ހީކުރީ ކުރިން ދިމާވި ހުރިހާ ބިރުވެރި ކަންކަން މާޒީވެއްޖެ ކަމަށް. އެކަމަކު ޕޮލިއުޝަންގެ ސަބަބުން ދަރިފުޅަށް ނޭވާނުލެވިގެން ކުއްލިއަކަށް ހޮސްޕިޓަލަށް ގެންދަން ޖެހުނު. މެދުކެނޑުމެއްނެތި 6 ގަޑިއިރު ވަންދެން ދަރިފުޅު ކެއްސި،" ދިޔާ ބުންޏެވެ.
މީގެ އިތުރުން ދިޔާ ފާހަގަކުރި ގޮތުގައި، 2021 ވަނަ އަހަރު އިންޑިއާގައި 2.1 މިލިއަން މީހުން ވައި ނުސާފުވުމުގެ ސަބަބުން މަރުވެފައިވެއެވެ. "ސާފު ވައި ލިބުމަކީ ވަކި ބަޔަކަށް ލިބެންޖެހޭ ހައްޤަކަށް ވެގެން ނުވާނެ. އަހަރެމެންނަށް ދަރިން ރައްކާތެރިކުރެވުނަސް، މަގުމަތީގައި އުޅޭ އެތައް ކުދިންނެއް އެއްވެސް ރައްކާތެރިކަމެއް ނެތި މި ނުރައްކަލާ ކުރިމަތިލާންޖެހޭ،" ދިޔާ ބުންޏެވެ.


.jpeg?w=3840&q=75)





