






އާރުޑީއެލް އެސްސީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގެ ފައިނަލުގައި މިރޭ ފަސޭހަކަމާއެކު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ވިންސިއާ އެސްސީ ބަލިކޮށް އާރުޑީއެލް ސްޕޯޓްސް ކުލަބު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން އާރުޑީއެލް އެސްސީ ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 5-3 ގެ ނަތީޖާއަކުން ޔުނައިޓެޑް އާރުޑީއެލް ބަލިކުރުމަށްފަހު އެވެ. އަދި ވިންސިއާ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ކޮންކުއިސްޓާ އެސްސީ 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ އާރުޑީއެލް އެސްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން އާރުޑީއެލް އެސްސީ ކުރީގައި އޮވެގެންނެވެ.
މީގެ އިތުރުން ދެވަނަ ހާފުގައި އާރުޑީއެލް އެސްސީ އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިމެޗުގައި އެޓީމުން މުހައިމިން ދެލަނޑު ކާމިޔާބުކުރިއިރު، ރިމާހް، އޮންލީ އަދި ރަފްހާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ވިންސިއާގެ ހަމައެކަނި ލަނޑު އަރީފް ކާމިޔާބުކޮށްދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުޑީއެލް އެސްސީގެ އިބްރާހިމް ރިމާހް އެވެ.
މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް އާރްޑީއެލް ސްޕޯޓްސް ކްލަބް ހޮވުނުއިރު، ފެއަރ ޕްލޭ ކުޅުންތެރިޔާކީ އެޓީމުގެ މުހައްމަދު ޝުއައިބު އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކީ ކޮންކުއިސްޓާގެ މުޙައްމަދު އަޔާން އަޙްމަދު އެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވިންސިއާ އެސްސީގެ އަލީ ހާފިޒް (ހާއްޕެ) އެވެ. އަދި އެންމެ މޮޅު ކޯޗަކީ އާރުޑީއެލްގެ ކޯޗު މުހައްމަދު ޒިދާން އެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަނީ އަލީ ހާފިޒް (ވިންސިއާ އެސްސީ)، އިބްރާހީމް ރިމާހް (އާރްޑީއެލް އެސްސީ)، ޙުސައިން ޝަރީފް (އާރްޑީއެލް އެސްސީ)، މުޙައްމަދު ނުހާދު (އާރުޑީއެލް އެސްސީ) އަދިި މުހައްމަދު އައްޒާމް (ވިންސިއާ އެސްސީ) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުޑީއެލް އެސްސީގެ އިބްރާހީމް ރިމާހް އެވެ.
04 ސެޕްޓެމްބަރު 2026 އިން 12 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
ކިންގް އޮފް ދަ ޓޯނަމެންޓް - އިބްރާހިމް ރިމާ - ޖޭ10 އާރްޑީއެލް އެސްސީ


