
ޓީވީ ބެލުން ގިނަވުމަކީ ސިކުނޑިއަށް ގެއްލުންހުރި ކަމެއް
ގިނަ ވަގުތު ޓީވީ ކުރިމަތީގައި އިނދެގެން ފިލްމާއި ސީރީޒްތައް ބެލުމަކީ ގިނަ ބަޔަކު ކުރަން އާދަވެފައިވާ ކަމެކެވެ.
ޚާއްސަކޮށް ޗުއްޓީ ދުވަސްތަކުގައި މެދުކެނޑުމެއްނެތި އެތައް ގަޑިއިރެއް ވަންދެން ޓީވީ ބެލުމަކީ އާންމު ކަމެކެވެ. ނަމަވެސް ސިއްހީ މާހިރުން ލަފާދޭ ގޮތުގައި، މިގޮތަށް ގިނަ ވަގުތު ޓީވީ ބެލުމަކީ އުމުރުން ދުވަސްވުމުން ސިކުނޑީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ޒުވާން ދުވަސްވަރު ނުވަތަ މެދު އުމުރުގައި ގިނަ ވަގުތު ޓީވީ ބަލާ މީހުންނަށް، މުސްކުޅިވާ ދުވަސްވަރު ސިކުނޑީގެ ބާރު ދަށްވުމާއި، ހަނދާން ނެތޭ ބަލި ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ.
މިއީ ހެލިފެލިވެ ނޫޅެ އެއްތަނެއްގައި ގިނަ ވަގުތު އިނުމުގެ ސަބަބުންނާއި، ސިކުނޑިއަށް މާބޮޑު ބުރަކަމެއް ނުލިބި ހަމައެކަނި މަންޒަރުތަކަށް ސަމާލުކަން ދިނުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.
ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، ޓީވީ އާއި ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރާ ވަގުތު މަދުކުރުން ވަރަށް މުހިންމެވެ.
އޭގެ ބަދަލުގައި ކަސްރަތު ކުރުމާއި، ފޮތް ކިޔުމާއި، ނުވަތަ ސިކުނޑި ބޭނުންކުރަންޖެހޭ ފަދަ އުފެއްދުންތެރި ކަންކަމުގައި ވަގުތު ހޭދަކުރުމަކީ މުސްކުޅިވާ ދުވަސްވަރު ސިކުނޑީގެ ތޫނުފިލިކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
މިއީ ފަހަށް ނުބަހައްޓައި، ޒުވާން އުމުރުން ފެށިގެން ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު ކަމެކެވެ.











.jpeg?w=3840&q=75)
