






ބެލިންހަމް، އެމްބަޕޭ އަދި ވިނީ ވަޔޮކާނޯ މެޗުގައި ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔޮކާނޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން އިތުރަށް އެއްމެޗު ކުޅެ، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފިއެވެ.
ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް ބެޓިސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިިރު، ރަޔޯ ވަޔޮކާނޯ އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ރޭސިން ސަންޓަންޑާ ބަލިކޮށްފައެވެ.
ރެއާލްގެ ސެންޓިއާގޯ ބެރްނަބާއޯގައި ކުޅުނު މިމެޗުގެ 14 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ފޯވާޑް ކިލިއަން އެމްބާޕޭ ވަނީ ރެއާލްއަށް މެޗުގެ ލީޑު ހޯދައިދީފައެވެ. އަދި އޭގެ ތިން މިނެޓް ފަހުން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިފެންޑަރު އަލްވާރޯ ކަރޭރާސް ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދިފައެވެ.
މިގެ އިތުރުން ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ އިނގިރޭސި މިޑްފިލްޑަރު ޖޫޑް ބެލިންހަމް ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ރެއާލް މެޑްރިޑުން ބަދަލަކާއެކު ފެށިއިރު، ރަޔޯ ވަޔޮކާނޯ އިން ވަނީ އެޓީމު ކުޅުން ވަރަށް ބޮޑުތަނުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމުގެ ސާޖިއޯ ކަމޭލޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ދެވަނަ ހާފުގެ ބޮޑުބައި ރެއާލް މެޑްރިޑަށް މެޗުގެ ކޮންޓްރޯލް ގެއްލިފައިއޮތުމަށްފަހު އެޓީމުން އަލުން މެޗުގެ ކޮންޓްރޯލް ހޯދީ މެޗުގެ 72 ވަނަ މިނެޓުގައި މިޑްފިލްޑާ އާޑާ ގުލާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތުމާއި ހަމައިންނެވެ.
ރެއާލްގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އާޑާ ގުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބަޕޭ ކާމިޔާބުކުރިއިރު، މިއީ މިސީޒަނު ލަލީގައި ރެއާލް ކުޅުނު ފަސް މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ހަ ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން ހޯދި 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި ރެއާލް މެޑްރިޑް މިވަގުތު އޮތްއިރު، އެއްވަނައިގައި އޮތް ބާސެލޯނާއަށް ވެސް ހަތަރު މެޗުން ވަނީ 12 ޕޮއިންޓް ލިބިފައެވެ. އަދި މިމެޗުން ބަލިވި ރަޔޯ ވަޔޮކާނޯ އިން ލީގުގައި ކުޅުނު ފަސް މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.



