






ސަންޑަލޭންޑާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ސަންޑަލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި ބްރެންޓްފޯޑާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވްރުވެފައެވެ.
ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުނުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ސަންޑަލޭންޑުން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 56 ވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނަލްޓީ އެއްވެސް ލިބިފައެވެ. ނަމަވެސް އެޓީމުގެ މިޑްފިލްޑަރު އެންޒޯ ލޫ ފީ ކުރިއަށް ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ކީޕަރު ރަޔާ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ދެމިނެޓް ފަހުން އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދާދި ފަހުން ނިއުކާސަލް ދޫކޮށް އެޓީމާއި ގުޅުނު ބުރެޒިލްގެ މިޑްފިލްޑަރު ބުރޫނޯ ގުއިމަރޭޒް އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސަންޑަލޭންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ރެއިންލްޑޯ މަންޑަވާ ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އެނާއަށް ރަތްކާޑުދައްކައި ދަނޑުން ފޮނުވާލުމުގެ އިތުރުން އާސެނަލްއަށް ޕެނަލްޓީއެއް ވެސް ދީފާއެވެ.
މި ޕެނަލްޓީ ކާމިޔާބުކޮށް އާސެނަލްއަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ބަކަޔޯ ސަކާއެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތްއިރު، މިމެޗުން ބަލިވި ސަންޑަލޭންޑް އިން ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.



