
ދިއްދޫ އާއި ބުރު ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މިހާރު
ދިރާގު ދިވެހި ޕްރެމިއާ ލީގުގައި މިރޭ ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހއ.ދިއްދޫ އިން ތާރީޚީ ކާމިޔާބެއް ހޯދައިފިއެވެ.
މިދިޔަ ސީޒަނުގެ ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައި ދިއްދޫ އިން ޕްރެމިއާ ލީގުގައި ކުޅުނު ފުރަތަަމަ މެޗުގައި މިދިޔަ ސީޒަނުގެ ދިވެހި ޕްރެމިއާ ލީގު ގަދަ ހަތަރެއްގައި ހިމެނުނު ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗަކީ ދިއްދޫ އިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ.
މިމެޗުގެ ފުރަތަަމަ ހާފު ބުރު ސްޕޯޓްސް ކުލަބުން ވަރުގަދަކޮށް ފެށިއިރު، މެޗުގެ ފުރަތަމަ 20 މިނެޓުގަައި އެޓީމުން ވަނީ ދިއްދޫގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އެޓީމުގެ އަބްދުﷲ ޔާމީން ފޮނުވާލި ބާރު ހަމާ ދިއްދޫގެ ކީޕަރު، މުހައްމަދު ޝިފާން ދިފާއުކުރިއިރު، އަލީ ހަމްދާން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލު ދަނޑި އަށެވެ.
ބުރުގެ ހަމަލާތަކަށްފަހު ދިއްދޫ އިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 24 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ގާނާ ފޯވާޑް ގިޑިއެން ޓެޓޭ އެވެ. މިއީ ބުރުގެ ހާފު މެދެންހާ ހިސާބުން ލިބުނު ހިލޭ ޖެހުމެއްގައި ޓެޓޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ދިއްދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ދިއްދޫ އިން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 47 ވަނަ މިނެޓުގައި ބުރުގެ ޕެނަލްޓީ އެރިއާ ބޭރުން ދިއްދޫގެ ގާނާގެ މިޑްފީލްޑަރު، ޔޫސުފް އަފުލް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޭގެ ތިން މިނެޓު ފަހުން ބުރުގެ ފޯވާޑް އެޑުއާޑޯ ހިލޭ ޖެހުމަކުން ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލު ދަނޑިއަށެވެ.
ވެހެމުންދިޔަ ބޯ ވާރޭގެ ތެރޭގައި މެޗުގެ ބޮޑުބައި ކުޅުނު މިމެޗުގައި ބުރު ސްޕޯޓްސް ކުލަބަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 81 ވަނަ މިނެޓުގައި ޝަމްވީލް މުހައްމަދު (ބޮންޑާ) ދިއްދޫގެ ހުސެއިން ޒިމްޔާން އަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.








