.jpeg?w=3840&q=75)







ހަށިގަނޑަށާއި ސިކުނޑިއަށް ފުރިހަމަ ނިދި ބޭނުންވޭ
ގިނަ ބަޔަކު އަބަދުވެސް އުފައްދާ އެއް ސުވާލަކީ 8 ގަޑިއިރުގެ ނިދި 4 ގަޑިއިރުން ހޯދިދާނެތޯއެވެ. ނުވަތަ މަދު ވަގުތުކޮޅަކު ނިދައިގެން، މުޅި ދުވަހަށް ބޭނުންވާ ވަރަށް އަރާމު ލިބިދާނެތޯއެވެ. ސިއްހީ މާހިރުންނާއި ދިރާސާތަކުން މިކަމަށް ދޭ ކުރު ޖަވާބަކީ "ނޫނެކެވެ".
ބޮޑެތި މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރޭގަނޑު މަދުވެގެން 7 ގަޑިއިރުގެ ނިދި ބޭނުންވެއެވެ. އާދަކޮށް ކޮންމެ ރެޔަކު 4 ގަޑިއިރު ނިދާނަމަ، ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރައެވެ.
2018 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި 4 ގަޑިއިރު ނިދާ މީހުންނަށް ޑިޕްރެޝަން، އޮބީސިޓީ، ލޭމައްޗަށް ދިއުން، ހަކުރުބަލި އަދި ހިތުގެ ބަލިތައް ފަދަ ނުރައްކާތެރި މައްސަލަތަކަށް މަގުފަހިވެއެވެ.
ވަރަށް މަދު ބަޔަކަށް "އޭޑީރާބީ1" ކިޔާ ޖީން އެއްގެ ސަބަބުން 6.5 ގަޑިއިރުން ވެސް ފުރިހަމަ ނިދި ލިބިދާނެއެވެ. ނަމަވެސް މިއީ އާންމު ކަމެއް ނޫނެވެ.
އަދި ދުވާލަކު އެތައް ފަހަރަކު ކުރުކޮށް ނިދުމަށް ކިޔާ "ޕޮލިފޭސިކް ސްލީޕް" އަކީ ވެސް ހަށިގަނޑަށް ބޭނުންވާ ފުރިހަމަ އަރާމު ލިބޭ ކަމެއް ނޫންކަމަށް ސައިންސްވެރިން ބުނެއެވެ. އެއީ ނިދި ނުލިބުމާ އެއްފަދަ ކަމެކެވެ.
ނިދީގެ މަރުހަލާތަކަށް ބަލާއިރު، 4 ގަޑިއިރު ނިދުމުން ލިބެނީ އެންމެ 2 ސްލީޕް ސައިކަލްއެވެ. ހަށިގަނޑާއި ސިކުނޑި މަރާމާތުކޮށް ތާޒާކޮށްދޭ ޑީޕް ސްލީޕް އަދި ރެމް ސްލީޕް ފުރިހަމައަށް ލިބެނީ ގާތްގަނޑަކަށް 4 ނުވަތަ 6 ސައިކަލް ފުރިހަމަ ކޮށްގެންނެވެ.
ނިދި މަދުވާ ރޭރޭ ނިދީގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅިދާނެއެވެ. އެގޮތުން، ނިދުމުގެ އެއްގަޑިއިރު ކުރިން ފޯނާއި ސްކްރީންތަކާ ދުރުވުމާއި، ނިދަން އޮންނަ އިރު ކޮޓަރި ރަނގަޅަށް އަނދިރިކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން، ކޮފީ ފަދަ ކެފެއިން އެކުލެވޭ ބުއިންތައް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ރޭގަނޑު ފާހާނާއަށް ތެދުވަން ޖެހުން މަދުކުރުމަށްޓަކައި ނިދުމުގެ ކުރިން މާގިނައިން ދިޔާތަކެތި ނުބުއިން ހިމެނެއެވެ. އަދި ދުވާލު ގަޑީގައި 20 މިނެޓުގެ ކުރު ނެޕެއް ނަގާލުމަކީ ވެސް ހަކަތަ އިތުރުކޮށްދީ، ނިދީގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މިއީ ވަގުތީ ގޮތުން ހަކަތަ އިތުރުކުރަން ކުރެވިދާނެ ކަންކަމެވެ.
ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފުރިހަމަ ނިދި ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
.jpeg?w=3840&q=75)



