








FYWfYvDWYAELVsn
ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެގައުމަށް އެހީތެރިކަން ދެއްވާނެ ކަމަށް އިނގިރެސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރ ލޯޑް ތާރިކް އަހުމަދު ވިދާޅުވެއްޖެއެވެ.
ތާރިކް މިހެން ވިދާޅުވެފައިވަނީ، ސްރީލަންކާގެ ސަލާމަތާއި އިގްދިސާދީ ހާލަތާ ބެހޭ ގޮތުން ސްރީލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންހައާއެކު ކުރެއްވި ފޯނުކޯލަކަށް ފަހުއެވެ.
ސްރީލަންކާގެ ރައީސްއާއެކު ކުރެއްވި ފޯނުކޯލަށްފަހު ތާރިކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެދެބޭފުޅުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި އެގައުމުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއެކު މުޒާހަރާކުމުގެ ފުރުސަތު ދިނުމާއި، މީޑިއާގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކުގެ އިތުރުން އަދުލު އިންސާފުގެ ހައްގުތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ކަމަށެވެ.
އަދި މިހާރު އެގައުމަށް ދިމާވެފައިވާ އިގްތިސޯދީ ކާރިސާއިން އަރައިގަނެ އެގައުމު ހަމަމަގަށް އެޅުވުމަށް އެއްބާރުލުން ދިނުމުގައި އިނގިރޭސިވިލާތް ދެމިއޮންނާނެ ކަމަށްވެސް އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ސްރީލަންކާގެ އިގްދިސާދީ ހާލަތު ގޯސްވެ އެގައުމަށް ކޮންމެހެން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެގައުމުގެ ސަރުކާރު ނުކުޅެދިފައިވާތީ ރައްޔިތުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން މީގެ ކުރިން އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ގެ އިތުރުން ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވާފައެވެ.
އަދި ދާދި ފަހުން އެގައުމުގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަވެސް ވަނީ އިސްތިއުފާދެއްވާފައެވެ.






.jpg?w=3840&q=75)

