





.jpeg?w=3840&q=75)


-
މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ މާލޭގެ މަގުތައް މަރާމާތު ކުރުމުގެ ކޮންސެޕްޓާ އެއްގޮތަށް، ކަޅުތުއްކަލާކޮށްޓާ އިންވެގެން އޮތް ހިލާލީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިއީ މާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅުކޮށް، މަގުތަކުގެ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމާއެކު އާންމުންނަށް ރައްކާތެރި އަދި ފަސޭހަ ގޮތަކަށް މަގުތައް ބައްޓަން ކުރުމަށް ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ ޖަލްސާއިންވެސް މީގެ ކުރިން ވަނީ ފާސްކޮށްފައެވެ.
މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މަގުތައް މިހާރު ހުރި ގޮތުން ދުއްވާ އުޅަނދުފަހަރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، މާލެ ސިޓީގެ ކޮންމެ މަގަކީވެސް އެންމެހައި ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ބޭނުންކުރެވޭނެ އަމާން މަގަކަށް ހެދުމަކީ ކައުންސިލުން ނުހަނު ބޭނުންވާ އަދި އިސްކަންދޭ ކަމެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މާލޭގެ މަގުތައް މަރާމާތު ކުރުމުގެ މި ކޮންސެޕްޓުގެ ދަށުން، ހިލާލީމަގުގެ މަސައްކަތް އެއްކޮށް ނިމުމުން އެ ސަރަހައްދުގެ ދަތުރުފަތުރަށާއި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ސިޓީ ކައުންސިލުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މިފަދަ ހަނި މަގުތަކާއި ގޯޅިތައް ޒަމާނީ ފެންވަރަށް މަރާމާތުކޮށް، އާންމު ޚިދުމަތްތަކަށް ފަސޭހަވާނެ ގޮތަށް ބަދަލުތައް ގެންނަމުންނެވެ.





.jpeg?w=3840&q=75)


