
-
ވިލިމާލޭގެ މަގުތަކަށާއި އެކި ސަރަޙައްދުތަކަށް އުކާލައި، ގިނަ ދުވަސްތަކެއް ވަންދެން ޖަމާކޮށްފައި ހުރި ބޮޑެތި (ބަލްކް) ކުނިތައް ނަގައި، އެ ސަރަޙައްދުތައް އެއްކޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގެ ދަށުން ވިލިމާލޭގެ އެކި މަގުތަކުގެ ކަންމަތީގައްޔާއި ހުސް ބިންތަކުގައި ގިނަ އަދަދަކަށް ޖަމާވެފައި ހުރި ބާ ފަރުނީޗަރާއި، ލަކުޑި އަދި އިމާރާތްކުރުމަށް ބޭނުންކޮށްފައިވާ އެކި ބާވަތްތަކުގެ ބޮޑެތި ކުނިތައް ވަނީ އެއްކޮށް ނަގައި ސާފުކޮށްފައެވެ. މިއީ ވިލިމާލޭގެ ވެށި ސާފުތާހިރުކޮށް، ހިތްފަސޭހަ އަދި ރީތި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ކައުންސިލުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މުޅި މާލެ ސިޓީ އަދި ޚާއްޞަކޮށް ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށެވެ. އަދި މަގުތަކަށާއި އާންމު ތަންތަނަށް ކުނި ނޭޅުމަށާއި، ކުނި އުކާލުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
މާލެ ސިޓީގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައާއި ލާބައަށްޓަކައި ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގައި، ވިލިމާލެއަށް ދިމާވެފައިވާ މިފަދަ އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތައް ހައްލުކޮށްދިނުމަށް ކައުންސިލުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.





.jpeg?w=3840&q=75)









.jpeg?w=3840&q=75)
