
-
ފުވައްމުލަކުގައި ކާރުގެ ވެރިފަރާތަށް އަނިޔާކޮށް އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު އަތުލައިގަނެ، މަސްތުގެ ހާލަތުގައި ހުރެ ދުއްވައި ސިލްސިލާ އެކްސިޑެންޓްތަކެއް ހިންގި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / މިސްކިތްމަގު، އަންދާޒު، އަޙްމަދު ޢައުނުﷲ (35އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓު 29 ވަނަ ދުވަހުގެ އިރުއޮއްސި 18:22 އެހައިކަންހާއިރުއެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ޢައުނުﷲ މި އެކްސިޑެންޓްތައް ހިންގާފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު ޖަހައިގަނެގެން ގޮހެވެ. އަދި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ތުހުމަތު ކުރެވެއެވެ.
އޭނާ ދުއްވި ކާރު، ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ވަނީ ޖައްސާފައެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.











.jpeg?w=3840&q=75)




