





.jpeg?w=3840&q=75)


-
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދާ ސެޓިފައިޑް ޓްރެއިނިންގ ކޯހުގެ 17 ވަނަ ބުރު ލ. ގަމުގައި ފަށައިފިއެވެ.
މި ކޯހުގެ 17 ވަނަ ބުރު ޚާއްޞަކޮށްފައިވަނީ ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށެވެ.
ކޯސް ފެށުމަށް ލ. ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކޯސް ރަސްމީކޮށް ފައްޓަވައިދެއްވީ ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާއެވެ. އެކަމަނާގެ ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާގައި ޤާބިލު، އަމިއްލަ ނަފުސަށް އިތުބާރުހުރި، ފަންނީ މުދައްރިބުން ބިނާކުރުމަށް މި ސެޓިފައިޑް ޓްރެއިނިންގ ކޯހަކީ ނުހަނު ބޭނުންތެރި އަދި މުހިންމު ކޯހެއްކަން ފާހަގަކުރެއްވިއެވެ.
ސައުތު ސެންޓްރަލް ޕޮލިހުގެ 13 ފުލުހުންނާއި ސިވިލް ދެ މުވައްޒަފުންނާއެކު ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދޭ މައިގަނޑު ބައިތަކުގެ ތެރޭގައި އެކްސްޕީރިއެންޝަލް ލާނިންގ، ކޮމިއުނިކޭޝަން ސްކިލްސް، މެނޭޖިންގ ގްރޫޕްސް އިން ޓްރެއިނިންގ، ޑިޒައިނިންގ އަ ޓްރެއިނިންގ ސެޝަން، ޕްރެޒެންޓޭޝަން އެންޑް ޑެލިވަރީ ސްކިލްސް އަދި ކްލޯޒަރ އެންޑް އިވެލުއޭޝަން ހިމެނެއެވެ.
މި ކޯހަކީ ކިޔަވައިދިނުމުގެ ހުނަރުތަކަށް މުދައްރިބުން އަހުލުވެރިކުރުވުމާއެކު، ފިލާވަޅުތައް ތައްޔާރުކުރުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ ގޮތްތައް ފުރިހަމައަށް ދަސްކޮށްދިނުމަށް ފަރުމާކޮށްގެން ހިންގާ ކޯހެކެވެ.








